ހަފްތާ ބަންދާ ދިމާކޮށް އެމްޑިޕީން ކުރިއަށް ގެންދާ ކެމްޕެއިންގައި ރާ އަތޮޅު އިނގުރައިދޫ ދާއިރާއަށް ދަތުރުކުރެއްވި ޓީމަށް އެދާއިރާގެ ރަށްތަކުން ހޫނު މަރުހަބާއެއް ކިޔާފައިވާތީ އެޓީމްގެ މެމްބަރުން އުފަލާއެކު އެކަން ފާހަގަކުރައްވަމުން އެބަގެންދަވައެވެ. ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ ދަތުރުތަކުގެ ތެރެއިން އިނގުރައިދޫ ދާއިރާގެ ދަތުރުތަކަށްފަހު ޑޯރ ޓު ޑޯރ އަދި ވައުދާ ހިނގުމުގެ މަސައްކަތް ފެށި އިތުރު ފޯރިއާއެކު ކުރިޔަށް ދާކަމަށް ޓީމުގެ މެމްބަރުން ވިދާޅުވެއެވެ.
މިހިނގާ މާރޗް މަހުގެ 28ން 30ށް ކުރިޔަށްގެންދެވޭ މިދަތުރުގައި މިހާތަނަށް ކިނޮޅަސް، ފައިނު، އިންނަމާދޫ ރަސްމާދޫ، އަދި އިނގުރައިދޫގައިވެސް މަސައްކަތު ބައްދަލުވުން ބާއްވާ ޑޯރ ޓު ޑޯރގެ މަސައްކަތްވަނީ ފަށާފައެވެ.
އިނގުރައިދޫ ދާއިރާގަ މި ހަފްތާ ބަންދުގެ “ދޭތިން ފަހެތި” ކެމްޕއިން މިއަދު ނިންމަވާއިރު މި ދާއިރާގެ ރަށްރަށުގެ އާއްމު ރައްޔިތުންނާ ބައްދަލުކުރެއްވުން ވަރަށް ހާއްޞަ ގޮތެއްގައި ކުރިޔަށް ގެންދަވާފައިވެއެވެ.
އިނގުރައިދޫ ދާއިރާގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގައި އިސްކޮށް ހުންނެވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރެވެ. މިޓީމްގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ އަހުމަދު ޢަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.