އަމިއްލަ ވަޒީފާގައި ތިއްބަވާ މަސައްކަތްތެރިންނަށްވެސް ޕެންޝަނާ އެންމެ ދަށުން ދެވޭނެ އުޖޫރައާއި އަގުހެޔޮ ޚިދްމަތްތައް ހަމަޖައްސަވާނެ ކަމަށާއި އެމްޑީޕީ ސަރުކާރުގެ ކުރިއަށްއޮތް ދައުރުގައި އެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޕީއެލް އާއި ކަސްޓަމްސް ކައިރީގައި ތައްޔާރުކުރެވުނު އެމްޑީޕީ “ސަރަހައްދު ޖަގަހަ” ރޭގައި ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ދޮށީ ޢުމުރުގައި ޕެންޝަން ލިބެވޭނެ އިންތިޒާމް ހަމަޖެއްސެވީ އެމްޑިޕީގެ ސަރުކާރުންކަމަށާއި، ރަސްމީ ވަޒީފާގައި ޚިދްމަތްކުރައްވާ ފަރާތްތަކަށް ޕެންޝަން ނިޒާމުގެ ތެރެއިން ރަނގަޅު އަދަދެއް ލިބިލައްވާ ކަމަށާއި ހަމަ އެފަދައިން އަމިއްލަ ވަޒީފާގައި ތިއްބަވާ މަސައްކަތްތެރިންނަށްވެސް އެ ނިޒާމުގައި ހިމެނެވޭނެ ގޮތްތައް އެމްޑީޕީ ސަރުކާރުގެ ކުރިއަށްއޮތް ދައުރުގައި ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މަޖޫރީންނާއި، ލޮރީ ޕިކަޕް އަދި ޓެކްސީ ޑްރައިވަރުންނަކީ އަމިއްލަ ވަޒީފާގައި ތިއްބަވައި، ހީވާގިކަމާއެކު ކުރައްވާ އަމިއްލަ މަސައްކަތުން އެ ލިބޭ އެއްޗަކުން ފުދުންތެރި ދިރިއުޅުމެއް އާރާސްތުކުރައްވާ މުރާލި ދިވެހިން ކަމަށާއި، އެފަދަ މަސައްކަތްތަކަށްވެސް ބިދޭސީން ވާދަކުރަނީ ވަޒީފާ ދޭ ފަރާތަށް ބިދޭސީން އަގުހެޔޮވީމަކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ދިވެހީންނާއި ބިދޭސީ މަސައްކަތުގެވެސް އަގު އެއްވަރުވާންޖެހޭނެކަމަށާއި، މަސައްކަތްތެރިއަކަށް މިރާއްޖޭގައި ދެވޭނެ އެންމެ ދަށް އުޖޫރައަކީ ހަތަރުހާސް ރުފިޔާކަމުގައި ހަމަޖައްސަވައިދެއްވާނެކަމަށާއި، އޭރުން ބިދޭސީ މީހާއަށްވެސް އެވަރު ދޭންޖެހެންފެށުމުން، ވަޒީފާގެ ފުރުޞަތުތައް ދިވެހިންނަށް ގިނަވެގެންދާނެކަމުގައި ރައީސްނަޝީދު ވިދާޅުވިއެވެ.
ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރާ ޒުވާނުން ނިސްބަތުން ގިނަ ކަމުގައި ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަންކަން ހައްލުކުރުމަށް އެމްޑިޕީއިން ގިނަމަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. ހުނަރު ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިންގް ގެ ފުރުޞަތުތައް އެމްޑިޕީންވަނީ މިހާރުވެސް ފަހިކޮށްދެއްވާފަކަމަށާއި އެފަދަ ޕްރޮގްރާމްތަކަށް މެދުވެރިވެފައިވާ ހުއްޓުންތަކާ ހުރަސްތައް ކަޑައްތުކުރައްވާނެކަމުގައި ރަޢީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑިޕީއިން ފަށްޓަފައިވާ ގެސްޓްހައުސް ސިޔާސަތުތައް ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދެވޭން ފެށުމުން ވަޒީފާގެ ފުރުޞަތުތައް އެއިންކޮންމެ ރަށެއްގައި އިތުރުވާންފަށާނެކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ކޮންމެ ގެސްޓްހައުސްއަކުން ނުވަވަރަކަށް ވަޒީފާ އުފެދިގެންދާނެކަމަށާއި ހަމައެއާއިއެކު ދެތިން ގެސްޓްހައުސްވުމުން ގުޅިފައިވާ އެކިދާއިރާ އިން (ބޭކަރީ، ލޯންޑްރީ، ޑައިވިންގް، މެކޭނިކުންނާއި ވާރކްޝޮޕާއި އަތްތެރިމަސައްކަތާ ޝަގާފީ އުފެއްދުންތެރިކަން ފަދަކަންކަން) ހުޅުވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންނަކީ އެނގި އުގެނުމަށާއި ހޭނި ތަމްރީނުވުމަށް ތޫނުފިލި ބައެއްކަމަށްވާތީ އެފަދަ ހުނަރުވެރި ވަޒީފާތައްހީވާގިކަމާއެކު ޒުވާނުން އަދާކުރަންފައްޓައި އާމްދަނީގެ މަގުތައް އެތައްގުނަ ކުރާނެ ކަމުގައިވެސް ރައީސް މުހަންމަދު ނަޝީދު ފާހަގަކުރެއްވިއެވެ.
ރަސްމީ ވަޒީފާގައި ނިސްބަތުން ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރައްވާއިރު، އަމިއްލަ މަސައްކަތުން، އަމިއްލަ ވަޒީފާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ މިރާއްޖޭގެ އިގްތިޞާދަށް ވަރަށް އަގުހުރި ހިއްޞާތަކެއް ފައިދާކޮށްދެއްވާ ފަރާތްތަކެއްކަމުގައި ވިދާޅުވެ ރައީސް މުހަންމަދު ނަޝީދު ވަނީ ރާއްޖޭގެ މަސައްކަތްތެރިންނަށް ތަޢުރީފު ކުރައްވާފައެވެ.
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކޮށްދެއްވުމަކީ ކުރިއަށް އޮތްދައުރަށް އެމްޑީޕީން ކަނޑައަޅާ ސިޔާސަތުތަކުގެ މުހިންމު ބައެކެވެ. އެގޮތުން ރިސޯޓް މަސައްކަތްތެރިންގެވެސް ހައްގުތައް ރައްކާތެރިކޮށްދެއްވާނެކަމަށާ، މަސައްކަތުގެ ވެށީގައި ލިބެންޖެހޭ ހައްގުތަކާއި، އަށް ގަޑިއިރުގެ މަސައްކަތަށްފަހު ހޭދަވާ އިތުރުގަޑިއާއިމެދު ހަމަޖެހެންޖެހޭ ގަވާއިދުތަކާއި، ފެރީގެ ނިޒާމުން ދަތުރުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގައި ރައީސްނަޝީދު ވަނީ އެކިމުނާސަބަތުގައި ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ އުޖާލާ ރީނދޫކުލަ އާއި ޝިއާރުތަކާއެކު ވަރަށް ފުރިހަމައަށް ޒީނަތްތެރިކުރެވިފައިވާ “ސަރައްދު ޖަގަހަ” އަކީ ރިޔާސީ ކެމްޕެއިންގައި ގިނަގުނަ އަދި އަގުހުރި މަސައްކަތްތަކެއްކުރެވޭނެ ޖަގަހައެއްކަމުގައި އެތަންތައްޔާރުކުރެއްވި މަސައްކަތްތެރީން ފާހަގަކުރެއްވިއެވެ. މެދުކެނޑެމުން ކަހަލަގޮތަކަށް ވިއްސާރަވެހެމުން ދިޔައިރުވެސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީ “ސަރަހައްދު ޖަގަހަ” ހުޅުވައިދެއްވި އުފާވެރި ހަފްލާގައި ގިނައަދަދެއްގެ ރައްޔިތުންނާއި، މަސައްކަތްތެރީންނާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.