ހަގީގީ ސިޔާސީ ވެރިންނެއް ބަޣާވަތެއް ނުކުރާނެކަމުގައި އިސްދޫ ދާއިރާގެ ރައީސް ފާހަގަކުރައްވައިފި

ހަގީގީ ސިޔާސީ ވެރިންނެއް ބަޣާވާތެއް ނުކުރާނެ ކަމަށާއި ހަގީގީ ސިޔާސީ ވެރިން ވެރިކަމަށް އިސްކުރެވެނީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއެކު ކަމުގައި އިސްދޫ ދާއިރާގެ ރައީސް އަދި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓްމިނިސްޓަރ ޢުމަރު ޢަބްދުއްރައްޒާގު ފާހަގަކުރައްވައިފިއެވެ. ލާމު އަތޮޅު ގަމުގައި މިރޭ ކުރިއަށް ގެންދެވުނު އެމްޑީޕީ ދޭތިންފަހެތި ކެމްޕޭންގެ ޖަލްސާގައި ވާހަދައްކަވަމުން ޢުމަރު ޢަބްދުއްރައްޒާގު ވިދާޅުވީ ބާޣީންގެ ކިބައިގައި ސިޔާސީ ވެރިންގެ ހުނަރާއި ގަދަރުވެރިކަމެއް އަދި ރައްޔިތުންގެ ލޯތްބާއި ރުހުން ހޯއްދެވުމުގެ ގާބިލްކަމެއް ނުހުންނާނެއެވެ.
ލާމު ގަމުގައި މިރޭ ކުރިއަށްގެންދެވުނު ޖަލްސާގައި ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި 2008 ވަނަ އަހަރަށްވުރެ ރަނގަޅަށް ގުޅިގެން ލާމުގަމުގައި ކެމްޕެއިންގެ މަސައްކަތް ކުރިއަށް އެބަ ގެންދެވޭކަން ހިމެނެއެވެ. މިހަފްތާ ބަންދުގައި ލާމު އަތޮޅަށް އެމްޑީޕީ އިން ކުރާ ދަތުރުގައި ހުކުރުދުވަހުގެރޭ ފޮނަދޫގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު ދާއިރާ ހިންގާ ކޮމިޓީގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ގެއިންގެއަށް ދޮރުން ދޮރަށް ޒިޔާރަތްކުރެއްވުމުގެ އަދި ފަންނީ މައުލޫމާތު ދެއްވުމަށް ބޭއްވޭ މަސައްކަތު ބައްދަލުވުންތަކާއި އިންތިޒާމްތަކުގައި މާބައިދޫ، ދަނބިދޫ ކަލައިދޫ އަދި އިސްދޫގައި އެމްޑީޕީ ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ލ. އަތޮޅު ގެ ދާއިރާތައް ހިމެނޭ ޓީމް ގަ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.