ނޫސްބަޔާން: ‫ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުންނަށް ގޯނާކުރުމަށް ފުލުހުން ހިންގާ ޢަމަލުތައް ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-30
ތާރީޚް: 28 މާރޗް 2013 (ބުރާސްފަތި)

‫ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުންނަށް ގޯނާކުރުމަށް ފުލުހުން ހިންގާ ޢަމަލުތައް ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލް އަލް އުސްތާޛާ ޙިސާން ޙުސައިންއާއި އެކަމަނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ގޯނާކޮށް ބިރުދެއްކުމަށް ހިންގި ޢަމަލުތައް އެމްޑީޕީ އިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މި ދަށުދަރަޖައިގެ ޢަމަލު ތަކަކީ ރައީސް ނަޝީދުއާއި އެމްޑީޕީ ތަމްޞީލްކުރައްވާ ޤާނޫނީ ވަކީލުންނަށާ އެމްޑީޕީގެ އިސްފަރާތްތަކަށް ބިރުދެއްކުމުގެ ބޭނުމުގައި ފުލުހުން ހިންގާ ސިލްސިލާ އަދި ޣައިރު ގާނޫނީ ދުއްތުރާތަކެއްކަމުގައި ފާހަގަވެއެވެ.

‫ބަލާ ފާސްކުރުމަށް ހިންގި ހަރަކާތެއްކަމަށްބުނެ، ފުލުހުން އުސްތާޛާ ޙިސާންއާއި އެކަމަނާގެ ފިރިކަލުން ހައްޔަރުކޮށްފައިވަނީ އެދެބޭފުޅުން އާއިލީ ކުޑަ ޙަފްލާއެއްގައި ތިއްބަވަނިކޮށް އައްޑޫ ސިޓީގެ ހިތަދޫއިން ނެވެ. އެތަނުގައި އެ ދެބޭފުޅުން ތިއްބަވަނިކޮށް ފުލުހުން އެތަނަށް އައިސް ހަރަކާތްތެރިވާން ފެށުމުން، ޙިސާންއާއި ފިރިކަލުން އެކަމާ ބެހޭ ގޮތުން ފުލުހުންނާ ސުވާލުކުރެއްވުމާއެކު އެއީ ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއްކަމުގައި ވިދާޅުވެ، ހިސާންގެ ފިރިކަލުން ހައްޔަރު ކުރިއެވެ. އަދި އެކަމާ ސުވާލުކޮށް ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދިވަޑައިގަތުމުން ހިސާންވެސް ހައްޔަރު ކުރިއެވެ.

ޙިސާން ހުންނެވީ މާބަނޑު ހާލަތުގައިކަން ފެނިލައްވާނެއިރުވެސް އެކަމަނާ ހައްޔަރުކުރެއްވުމުގެ ތެރޭގައި ފުލުހުން ވަނީ ޙިސާންގެ ގައިކޮޅަށް އަތް އިސްކުރައްވައި ދެ ފަހަރެއްގެ މަތިން ވަރަށް ބާރަށް ކޮށްޕަވާލައްވާފައެވެ. އަދި ދެވަނަ ފަހަރަށް ކޮއްޕާލުމުން އެކަމަނާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. ޙިސާންގެ ފިރިކަލުންނަށްވެސް ހައްޔަރުކުރެއްވުމުގެ ތެރޭގައި ފުލުހުން ހާނިއްކަކުރައްވާފައިވާކަމަށް އެނގިފައިވެއެވެ. ދެބޭފުޅުންވެސް މިހާރު ވަނީ ދޫކޮށްލައްވާފައެވެ. .‬

ރައީސް މުހަންމަދު ނަޝީދުއާއި އެމްޑީޕީ ތަމްޞީލްކުރައްވާ ޤާނޫނީ ވަކީލުންނަށް ބިރުދެއްކެވުމަށާއި ގޯނާކުރެއްވުމަށް ހިންގަވާ ޢަމަލުތައް ހުއްޓާލެއްވުމަށް ސަރުކާރުގެ ބާރުތަކާއި ހަވާލުވެވަޑައިގެން ތިއްބެވި އެންމެހާ ފަރާތްތަކަށް މި ޕާޓީއިން ގޮވާލަމެވެ.
‫ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން މިމައްސަލަ ބައްލަވައި ކަނބަލުންނަށް ހާނިއްކަ ކުރައްވާ އަދި ޤާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިވެލައްވާ ފުލުހުންނާ މެދު ލަސްކުރެއްވުމެއްނެތި ފިޔަވަޅު އަޅުއްވައިދެއްވުމަށް މިޕާޓީންގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް