މާލޭގެ ރައްޔިތުންނަށް ޙިދުމަތްކުރެއްވުމުގައި ސިޓީ ކައުންސިލަށް މެދުވެރިވާ ދަތިތައް ޙައްލުކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެކަމުގައި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ސިޓީ ކައުންސިލަރުންނަށް މެދުވެރިވާ އެކި ކަންކަމާ މެދު މަޝްވަރާ ބަދަލުކޮށްލެއްވުމަށް ހަފްތާއަކު އެއްފަހަރު އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި ބައްދަލުކޮށްލައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރ މައިޒާން އަލި މަނިކުއާއި ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މާލޭ ކުނިކޮށީގެ ކަންކަމާއި ދެންވެސް މާލޭގެ ރައްޔިތުންނަށް ޚިދުމަތްތައް މުހިންމުވެފައިވާ ކަންކަމާ މެދު މަޝްވަރާކުރައްވާފައިވެއެވެ. މާލޭގެ ކުނިކޮށީގެ ކަންކަން ހައްލުކުރުމަށް ބަޖެޓުގައި 8 މިލިއަން ރުފިޔާ ހިމަނާފަ އޮތް އިރު ބަޣާވަތުގެ ސަރުކާރުން ސިޓީ ކައުންސިލް ބަދުނާމުކުރެއްވުމަށް ކުނިކޮށީގެ ކަންކަން އެމްއެންޑީއެފް މެދުވެރިކުރައްވައިގެން 21 މިލިއަން ރުފިޔާއަށް ކުރައްވާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ޤާނޫނާ ފުށޫއަރާ ޤާނޫނުތައް 6 މަސް ދުވަސްތެރޭ އިސްލާޙުކުރުމަށް ކަނޑައެޅިފައިވާއިރު އެކަން ނުކުރެވި އޮންނަ އޮތުން އެއީ ސިޓީ ކައުންސިލަށް އެކި ދަތިތައް މެދުވެރިކުރައްވަން ބަޣާވާތުގެ ސަރުކާރުން ބޭނުންކުރައްވާ ހަތިޔާރަކަށް ވެފައިވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލަށް މެދުވެރިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަޖްލިސް ތެރެއިންނާއި ޕާޓީ މެދުވެރިކުރައްވައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގައި ޗެއާޕާސަން މޫސާ މަނިކު ވިދާޅުވިއެވެ.