ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން އަދާކުރައްވަން އޮތް ދައުރު ވަރަށް މުހިންމުކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝޭލް ޖޭ ސިސޯންއާއި އެކު މިއަދު ހެނދުނު އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގައި މިހާރު ހުރި ބައެއް ހުރަސްތަކާ ގުޅޭ މައުލޫމާތުތައް އެމެރިކާގެ ސަފީރު މިޝޭލް ޖޭ ސިސޯންއާ ރައީސް މުޙަންމަދު ނަޝީދު ޙިއްސާކުރެއްވިއެވެ. ހަމައެއާއެކު، ރިޔާސީ އިންތިޚާބުގައި ވޯޓްލާ ދުވަސް ކައިރިވަމުން ދާއިރު ވާދަވެރި ބައެއް ފަރާތްޕުޅުތަކުން ސިޔާސީ ޕާޓީތަކުގެ މެންބަޝިޕް އޮޅުވާލެއްވުމާއި އަސްލެއް ނެތް ތަފާތު މައުލޫމާތުތައް ތަފާތު އެކި ދާއިރާތަކުގައި ފަތުރުއްވަމުން ގެންދަވާކަމުގައި ރައީސް މުޙަންމަދު ނަޝީދު ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ބޭނުންތެރި ތަފާތު ދާއިރާތަކުން އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް ފޯރުވައިދެއްވާނެކަމުގައި، އެމެރިކާ ސަފީރު މިޝޭލް ޖޭ ސިސޯން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކުއާއި ޗެއަރޕާސަންގެ ނާއިބު އިދާރީ އަލީ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.