އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމްތައް މިހަފްތާ ބަންދުގައި ރާއްޖޭގެ 40 ރަށަކަށް!

Boduthiladhunmathi Vaudhuge Dhathuru

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން މިހަފްތާ ބަންދުގައި 18 ޓީމަކުން ރާއްޖޭގެ 40 ރަށަކަށް ޒިޔާރަތްކުރައްވައި ކުރިއަށް ގެންދަވާނެއެވެ.

އިއްޔެ ފެށުނު މިދަތުރުތަކުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، ވައުދާ ހިނގުމާއި ދޭތިން ފަހެތި ކެމްޕެއިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ މިދަތުރުތަކުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، މ.އަތޮޅުން ކޮޅުފުށި، ނާލާފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ، މަޑުއްވަރި އާއި ދިއްގަރު ބ.އަތޮޅުގެ ހުރިހާ ރަށަކާއި ޅ.އަތޮޅުން، ނައިފަރު، ހިންނަވަރު، ކުރެންދޫ އާއި އޮޅުވެލިފުށި ހދ.އަތޮޅުން ހަނިމާދޫއާއި ކުޅުދުއްފުށި، ހއ.އަތޮޅުން ބާރަށާއި ކެލޭ، ރ.އަތޮޅުން، ކިނޮޅަސް، ފައިނު، އިނގުރާއިދޫ، ރަސްމާދޫ، އިންނަމާދޫ، ގއ.އަތޮޅުން ވިލިނގިލި އަދި ކޮލަމާފުށި، ގދ.ތިނަދޫ، ލ. ގަން، ދަނބިދޫ، މާބައިދޫ، ކަލައިދޫ އަދި އިސްދޫ، އަދި އައްޑޫ ސިޓީގެ ރަށްތައް ހިމެނެއެވެ. މިދަތުރު ތަކުގައި ކެމްޕެއިން އޮނިގަނޑު ތަޢާރަފްކޮށްދިނުމާއި ދޮރުން ދޮރަށް ހިނގުމުގެ އިތުރުން އެމްޑީޕީގެ މެމްބަރޝިޕް ފޯމް ފުރުމާއި ޖަލްސާ ބޭއްވުންފަދަ ހަރަކާތްތައް ހިންގާނެއެވެ.

މި ދަތުރުތަކުގައި ހއ، ހދ ޓީމުގެ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ހަރަކާތްތެރިވެ ވަޑައިންނަވާއިރު، ޅ.އަތޮޅު އަދި ބ.އަތޮޅު ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިންނަވަނީ ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމުއެވެ. އަދި ރ އަތޮޅު ޓީމުގެ އިސް ލީޑަރެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޙާމިދް އަބްދުލް ޣަފޫރުއެވެ. މ.އަތޮޅު ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙަންމަދު ޝިހާބުއެވެ. ގދ. ތިނަދޫ ދާއިރާ ޓީމުގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާޢިރާގެ މެންބަރު މުޙައްމަދު ޤަސަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ލ. އަތޮޅުގެ ޓީމު ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ. އަދި އައްޑޫ ސިޓީގެ ޓީމް ލީޑަރަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ ހަރަކާތްތެރިވެ ވަޑައިގަންނަވާނެއެވެ.

ދަތުރުތައް ނިންމާލުމަށްފަހު ޓީމުތައް އެނބުރި މާލެ އަންނާނީ އާދިއްތަ ދުވަހުއެވެ.