އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދު އެތައްގުނަ ފުޅާވެގެންދާނެ – ޗެއަރޕާސަން

vaudhaai hingun hulhu henveyru jalsa 250313 (36)

އެމްޑިޕީގެ ބޯހިޔާވަހިކަމުގެ ވައުދަކީ ކުރިއަށްއޮތް އެމްޑީޕީގެ ސަރުކާރެއްގައި އެތައްގުނަ ފުޅާކުރެވިގެންދާނެ ސިޔާސަތެއްކަމުގައި އެމްޑީޕީގެ ޝެއަރޕާސަން މޫސާމަނިކު ފާހަގަކުރައްވައިފިއެވެ.

ދޭތިންފަހެތި ކެމްޕޭން ގެ ދަށުން ހުޅުހެންވޭރު ރޯޝަނީމަގު ކަންމަތީ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ގެ ސަރުކާރުގައި ރައީސް މުހަންމަދު ނަޝީދުގެ އިސްނެންގެވުމާއިއެކު ރާއްޖޭގެ އެތަންމިތަނުގައި ގެދޮރު ޢިމާރަތް ކުރެއްވުމުގެ މަސައްކަތް ފެއްޓުނު ކަމަށާ އެ ފަދަ ޢިމާރާތްތަކާ ފްލެޓްތައް ނިމެމެމުންދާތަން ފެނިވަޑައިގަންނަވާކަމަށެވެ.

” އޭރު ރައީސް ނަޝީދު އިންދެވި އޮށްތަކުން ފެޅިގަސްތައް އެހެރަފެންނަމުންދަނީ، ނަމަވެސް ހިތާމައަކީ ބަޣާވަތުގެ ސަރުކާރަކުން އެ ސިޔާސަތު ހިލާލައި، ގެދޮރާއި ފްލެޓް ލިބެންވާ ބަޔަކު ސިޔާސީ ފައިދާއަށާ ވޯޓު ހޯދުމުގެ ނުފޫޒެއްގެ ގޮތުގައި ކަނޑައަޅަން ފަށާފައިވާތީ”، މޫސަ ވިދާޅުވިއެވެ. “އަޅުގަނޑުމެން ހުޅުހެންވޭރު ރައްޔިތުން އެކަމަކާ ނުރުހެން، އެކަން ގަބޫލެއް ނުކުރަން، އަޅުގަނޑު އެރައްޔިތުންނާއެކު ދާނަން ނުރުހުން ފާޅުކުރަންޖެހޭ ހުރިހާތަނަކަށް”، ހެންވޭރު ޓަކި އެއީ މުސްކުޅި ބޯދާ ބަހެއްކަމުގައި ވިދާޅުވަމުން މިހާރުގެ ބަޢާވަތުގެ ސަރުކާރަށް ހެންވޭރު ޓަކީގެ އިންޒާރު ދެއްވަމުން އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުންގެންދަވާ މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރެވުނުއިރު ވިސްނެވުމަކީ އަލަށް ދިރިއުޅުން ފައްޓަވާ ފަރާތްތަކަށް ވަކި އުޞޫލެއްގެ ދަށުން ގެދޮރާއި ބޯހިޔާވަހިކަން ލިބިދެއްވުމަށް ކަމަށާއި، އެމްޑީޕީން ކަނޑައެޅުއްވި ވެށިފަހި މާލޭގެ ޕްރޮގްރާމް ބަޣާވަތުގެ ސަރުކާރުން މުޅީން އޮޅުވާލައްވައި ސިޔާސީ ނުފޫޒާއި، ބާރާއި، ހީލަތްތެރި އެކި އޮޅުވާލެއްވުމުގެ ދަށުން ފްލެޓްލިބުމުން ބައެއްފަރާތްތައް އެއްކިބާ ކުރައްވާފައިވާކަމުގައި މޫސަފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި އެމްޑީޕީ ސަރުކާރަކުން ގެދޮރަށް ބޭނުން ހަމަ އެކަކުވެސް އަންހެން ފިރިހެން ތަފާތުނުކުރައްވައި ފުރުޞަތުން ބާކީ ނުވާނެ ސިޔާސަތެއް ކުރިއަށް ގެންދަވާނެ ކަމަށާއި ކުރިއަށް ވުރެ އަވަސްމިނުގައި ގެދޮރާއި ފްލެޓްގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނޭ ކަމުގައި ޗެއަރޕާސަން މޫސާމަނިކު ވިދާޅުވިއެވެ.

ދޭތިންފަހެތި ކެމްޕޭން ގެ ދަށުން ހުޅުހެންވޭރު ރޯޝަނީމަގު ކަންމަތީގައި ރޭ ބޭއްވުނު ބައްދަލުކުރެއްވުމުގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.