ކެނެޑާގެ ސަރުކާރުގެ ފަރާތުން ކޮމަންވެލްތަށް ކަނޑައަޅުއްވާފައިވާ ހުންނަވާ މަންދޫބާއި އެމްޑީޕީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި.

raees meeting common wealth 250313 (1)

raees meeting common wealth 250313 (2)

ކެނެޑާގެ ސަރުކާރުން ކޮމަންވެލްތަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހިއު ސިގާލް އާއި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުއާ، ޕާޓީގެ ޗެއާޕަރސަން މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދް އަބްދުލް ޢަފޫރްގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙުމަދު ނަސީމެވެ.

މިއަދުގެ ބައްދަވުލުމުގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އާއި އެމްޑީޕީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ހިއު ސިގާލްއަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ ޝަރީޢަތް ހިނގަމުންދާގޮތާއި ގުޅޭގޮތުން ވެސް ހިއު ސިގާލްއަށް މަޢުލޫމާތުދެއްވާފައި ވެއެވެ. ހިއު ސިގާލް ވަނީ، މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް ކެނެޑާގެ ސަރުކާރަށް ކޮމެންވެލްތްގެ ތެރެއިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނޭކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަންނަ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވަނީ ހިއު ސިގާލްއާ ވާހަކަދައްކަވާފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ މަގު ފަހިކުރުމަށް ކުރެވެން އޮތް މަސައްކަތްތައް އެމްޑީޕީގެ ފަރާތުން ކުރައްވާނޭ ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު މި ބައްދަލުވުމުގައި ވިދާޅުވިއެވެ.