މާރޗު 22 އިން 27 އެކުއޭޑަރގެ ވެރި ރަށް ކުއިޓޯ ގައި ހިނގަމުންދާ އައިޕީޔޫގެ 128ވަނަ އެސަމްބުލިގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު އީވާ އަބުދުﷲ ދިވެހިރާއްޖޭގެ ގިނަ މައްސަލަ ތަކަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅުދައްކަވާފައިވއެވެ.
އީވާ ވާހަކަފުޅު ދެއްކެވި މައްސަލަ ތަކުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަންހެން މުވައްޒަފަކާ މެދު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި، އަދި އެމައްސަލާގައި ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން، ރައްޔިތުންގެ މަޖިލީހަށް މުތުލަގުކޮށް ލިބިފައިވާ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ނާޖާއިޒް ގޮތުގައި ވަދެ އެ ނިންމުން ބާތިލްކޮށް ސިވިލް ސަރވިސް ކޮމޝަންގެ ރައީސަށް އަނެއްކާ އެމަޤާމުގައި ދެމިހުރުމުގެ ފުރުސަތު ދީފައިވާ މައްސަލަ ހިމެނެއެވެ. އަދި ސްޕްރީމް ކޯޓްއިން ރައްޔިތުންގެ މަޖިލިހުގެ ބާރުގެ ތެރެއަށް ވަންނަމުންދާ އެހެން މައްސަލަތައްވެސް އައިޕީޔޫގެ ސަމާލުކަމަށް ގެންނެވިއެވެ. މީގެ އިތުރުން އުމުރުން 15 އަހަރުގައި ޖިންސީ ޝިކާރައަކަށް ވެފައިވާ ކުޑަ އަންހެން ކުއްޖާ އަށް ސަރުކާރުންނާއި ދައުލަތުން އެއްވެސް މިންވަރަކަށް އިންސާފު ހޯދައި ނުދީ، އޭގެ ބަދަލުގައި އެކުޑަކުއްޖާގެ މައްޗަށް ހައްދު ޤާއިމް ކުރުމަށާއި ގޭ ބަންދުކުރުމަށް ޖުވެނިއަލް ކޯޓް އިން ހުކުމް ކޮށްފައިވާތީއާއި، ރާއްޖެގެ ޖިނާއި އަދުލުގެ ނިޒާމް ކުޑަކުދިންނާއި އެންމެހައި ރައްޔިތުންގެ މައްޗަށް ބޭއިންސާފު ވަމުންދާތީ އީވާ އަބުދުﷲ ކަންބޮޑުވުން ފާޅުކުރައްވައި އައިޕީޔޫ ގެ ސަމާލުކަމަށް އެކަންތައް ގެންނެވިއެވެ.
އީވާ އަބުދުﷲގެ ވާހަކަފުޅުގައި ފާހަގަކޮށް އައިޕީޔޫގެ ރަސްމީ ޓްވީޓްގައި ވެސް އެވާހަކަ ފާހަގަކޮށްފައިވެއެވެ. އީވާ އަބުދުﷲ އަކީ މުޅި އޭޝިއާ ޕެސިފިކުގެ އަންހެން މެންބަރުން ތަމްސީލް ކުރުމަށް އައިޕިޔޫ އިން ހޮވާފައިވާ މެންބަރެވެ. އަދި މީ އައިޕީޔޫ އިން އެފަދަ މަގާމެއް ދިވެހި އެމްޕީ އަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.
އައިޕީޔޫ އިން މިދިއަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން އެއަހަރުގެ ނޮވެމްބަރމ މަހުގައި އައިޕީޔޫ ގެ މިޝަން އިން ތައްޔާރުކުރި ރިޕޯޓް ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލާއިންސާނީ އަނިޔާ ފުލުހުން ކުރިކަމުގެ ހެކި ލިބިފައިވީނަމަވެސް އެއްވެސް ފުލުހަކާމެދު ފިޔަވަޅު އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.