ރައީސް މުހަންމަދު ނަޝީދާއިމެދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގަވާ ޝަރީޢަތް ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބަށްވުރެ ފަސްކޮށްލަ ދެއްވުމަށް އެދިވަޑައިގެން ހުށައެޅުއްވި އިލްތިމާސް އާއި ދެކޮޅަށް ހުޅުމާލޭ ކޯޓުން ނިންމަވާފައިވާ ނިންމެވުން ރައީސް މުހަންމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ހައިކޯޓުގައި އިސްތިއުނާފްކުރެއްވުމަށް ހުށައަޅުއްވާނެއެވެ.
ރައީސް މުހަންމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ރައީސް މުހަންމަދު ނަޝީދާއިމެދު ހިންގަވާ ޝަރީޢަތް ރިޔާސީ އިންތިޚާބަށްވުރެ ފަސްކޮށްލަ ދެއްވުމަށް އެދިވަޑައިގެން އަދި އެކަމަކީ ޕްރޮސިކިއުޓަރ ޖެނެރަލް އިޢުތިރާޞް ކުރައްވާކަމެއްނޫންކަން އެ އަޑުއެއްސެވުމުގައި ފާހަގަކުރައްވާފައެވެ. މިހެން މިކަންކަންހުރެމެ ހުޅުމާލޭ މެޖިސްޓްރޭޓްކޯޓުން ނިންމަވާފައިވަނީ ހަތަރު ހަފްތާގެ ފަސްކޮށްލެއްވުމަކަށްފަހު ނަމަވެސް ޝަރީއަތް ކުރިއަށްގެންދަވާށެވެ. ރައީސް މުހަންމަދު ނަޝީދު ހަމަ އެ އިލްތިމާސް ސުޕްރީމް ކޯޓަށް ހުށައެޅުއްވުމުން އެ ކޯޓުން ވަނީ އެ މައްސަލަ ނުބައްލަވާ ބޭރުކޮށްލާފައެވެ.
“ރައީސް މުހަންމަދު ނަޝީދުގެ ޝަރީޢަތް ރިޔާސީ އިންތިޚާބަށްވުރެ ފަސްކޮށްލަދެއްވުން އެދި އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ހުށައެޅީން. ސުޕްރީމް ކޯޓުން އެ މަސްއަލާ ނުބެއްލެވީ އެއީ ދުސްތޫރީ މަސްއަލާއެއްގެ ބަދަލުގައި، ހަމަޖެހިފައި އޮންނަ އިސްތިޢުނާފްގެ އިޖުރާއަތްތަކުގެ ތެރެއިން ކުރިއަށްދާންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވައި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. ރިޔާސީ އިންތިޚާބަށްވުރެ ޝަރީއަތް ފަސްކޮށްލަދެއްވުމާއި މެދު ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާ ކުރައްވާފަރާތުން އިޢުތިރާޞް ނުކުރައްވާތީ، ހަތަރު ހަފްތާއިން ޝަރީއަތް ފަސްކޮށްލެއްވުމުގެ އަދި ރައީސް މުހަންމަދު ނަޝީދު ރިޔާސީ އިންތިޚާބަށްވުރެ ޝަރީޢަތް ފަސްކޮށްލަދެއްވުމަށް ކުރެއްވި އިލްތިމާސް އާއި ދެކޮޅަށް ނިންމެވުމެއް ކަނޑައެޅުއްވުމުގެ ސަބަބެއް ނޯންނާނެތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނިންމެވުން އަޅުގަނޑުމެން މިހާރު ހައިކޯޓުގައި އިސްތިޢުނާފްކުރެއްވުމަށް މި ހުށައަޅަނީ”، ރައީސް މުހަންމަދު ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވިއެވެ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ވާދަނުކުރެއްވޭ ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކުރިއަށް ގެންދަވައިފިނަމަ އެފަދަ އިންތިޚާބެއްގެ އިތުބާރާއިމެދު ސުވާލުއުފެދޭކަމުގައި ބައިނަލްއަގުވާމީ މުޖުތަމަޢުއިން ގެންދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.