އެމްޑީޕީގެ ސަރުކާރެއްގައި އާމްދަނީގެ ފުރުޞަތުތައް އެތައް ގުނައަކުން ހުޅުވިގެންދާނެ – ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއްގައި އާމްދަނީގެ ފުރުޞަތުތައް އެތައް ގުނައަކުން ހުޅުވިގެންދަނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި އިއްޔެ އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް ދެއްވާނެކަމަށާއި، ހާއްސަގޮތެއްގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ހައްޤު ނުވަތަ މުޒާހަރާ ކުރުމުގެ ހައްޤާ މެދު މިހާރު އޮތް ސިޔާސަތު ބަދަލުކުރައްވައި އެމީހުންގެ މަސައްކަތު މާހައުލުގައި ލިބެންޖެހޭ ހައްޤުތައް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ ހީވާގި ދިވެހި މުވައްޒަފުން ޒަމާނުއްސުރެ މަސައްކަތްކުރަން ޖެހިފައިވަނީ އާއިލާ އާއި އަނބިދަރިންނާ ދުރުގައި ކަމަށާއި، އެއީ ވަރަށް ބޮޑު އަޅުވެތިކަމެއްކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދާދި އަވަހަށް އެމްޑީޕީގެ ސަރުކާރެއް އިރާދަކުރެއްވިޔާ އަލުން އަނެއްކާ މިރާއްޖޭގައި އުފެދިގެން އަންނާނެކަމަށާއި، އެ ސަރުކާރެއްގައި އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމާއި އަދި ގުޅުންހުރި ސިޔާސަތުތަކާއެކު އެކަންކަން ހައްލުކޮށްދެއްވާނެކަމަށެވެ.

ތައުލީމީ ދާއިރާގައި އއ.އުކުޅަހުގެ ނަތީޖާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އުކުޅަހުގެ ނަތީޖާތައް ރަނގަޅުވެ ޖީސީއީ އޯލެވެލް އިން ފާސްވި މިންވަރު ސައްތައަކުން ފަސްދޮޅަސް ފަހަކަށް އިތުރުވެފައިވާތީ އެކަން ފާހަގަކުރައްވާ އުކުޅަހުގެ ދަރިވަރުންނަށާއި އެންމެހާ ރައްޔިތުންނަށް ތައުރީފުކުރައްވާ ޝުކުރުދަންނަވާފައެވެ.

ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިނަލްއަޤްވާމީ އާއިލާގައި ރާއްޖެ ހިމެނި އޮތުން މުހިންމުކަމެއް ކަމަށާއި މިހާރު ސަރުކާރައި ހަވާލުވެ ތިބި ފަރާތްތަކުން ބައިނަލްއަޤްވާމީ މުޖްތަމަޢުއާ އެކަހެރިވަމުންދާކަމަށެވެ. އެގޮތުން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ބައިވެރިވެ ވަޑައިނުގެންނެވޭ ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވާނަމަ، އެ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލުއުފެދޭނެކަމަށް ބުނެ، ޔޫރަޕްގެ އިއްތިހާދުގެ ފަރާތުން ދާދިފަހުން ނެރުނު ބަޔާން، ޤަބޫލުނުކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ އެކަމަށް ރައީސް ނަޝީދު އިޝާރާތްކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިޚާބު ސައްހަނޫންކަމަށް އީޔޫ ފަދަ ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން ހާމަކުރުމަކީ، އިންތިޚާބަށްފަހު އޮންނާނެ ސަރުކާރު ޤަބޫލުނުކުރާނެ ވާހަކަ ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ނުހަނު ގެއްލުން މެދުވެރިވާނެ ހާލަތެއްކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ހަރުދަނާ ގުޅުންތަކެއް ޤާއިމްކުރެއްވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް، ދިވެހި ރައްޔިތުންނަށް ލާބަހުރި މަގަށް އެގުޅުންތައް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި އިއްޔެ އއ އަތޮޅަށް ކުރި ދަތުރުގައި، އެ އަތޮޅު އުކުޅަހާއި ތޮއްޑޫގެ އިތުރުން އެއަތޮޅު ރަސްދުއަށް ޒިޔާރަތްކޮށް އެރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއާ ގުޅޭ ތަފާތު މަސައްކަތު ބައްދަލުވުންތަކާއި، ދޮރުން ދޮރަށް ހިނގުމާއި އަދި އާންމު ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. އަދި ރޭ ރަސްދޫގައި ވަނީ “ދޭތިން ފަހެތި” ކެމްޕެއިންގެ ބޮޑު ޖަލްސާ އެއް ބާއްވާފައެވެ.