ދޭތިން ފަހެތި އަރި އަތޮޅަށް ރައީސް ނަޝީދާއި އެކު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި އާމްދަނީގެ ފުރުޞަތުތައް އެތައް ގުނައަކުން ހުޅުވިގެންދަނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މިއަދު ހެނދުނު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށްދެއްވާނެކަމަށާއި، އަދި ހާއްސަގޮތެއްގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ހައްޤު ނުވަތަ މުޒާހަރާ ކުރުމުގެ ހައްޤާ މެދު މިހާރު އޮތް ސިޔާސަތު ބަދަލުކުރައްވައި އެމީހުންގެ މަސައްކަތު މާހައުލުގައި ލިބެންޖެހޭ ހައްޤުތައް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ ހީވާގި ދިވެހި މުވައްޒަފުން ޒަމާނުއްސުރެ މަސައްކަތްކުރަންޖެހިފައިވަނީ އާއިލާ އާއި އަނބިދަރިންނާ ދުރުގައި ކަމަށާއި، އެއީ ވަރަށް ބޮޑު އަޅުވެތިކަމެއްކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދާދި އަވަހަށް އެމްޑީޕީގެ ސަރުކާރެއް އިރާދަކުރެއްވިޔާ އަލުން އަނެއްކާ މިރާއްޖޭގައި އުފެދިގެން އަންނާނެކަމަށާއި، އެ ސަރުކާރެއްގައި އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމާއި އަދި ގުޅުންހުރި ސިޔާސަތުތަކާއެކު އެކަންކަން ހައްލުކޮށްދެއްވާނެކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި އއ.އުކުޅަހުގެ ނަތީޖާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އުކުޅަހުގެ ނަތީޖާތައް ރަނގަޅުވެ ޖީސީއީ އޯލެވެލް އިން ފާސްވި މިންވަރު ސައްތައަކުން ފަސްދޮޅަސް ފަހަކަށް އިތުރުވެފައިވާތީ އެކަން ފާހަގަކުރައްވާ އުކުޅަހުގެ ދަރިވަރުންނަށާއި އެންމެހާ ރައްޔިތުންނަށް ތައުރީފުކުރައްވާ ޝުކުރުދަންނަވާކަމަށެވެ

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި މިއަދު އއ އަތޮޅަށް ކުރާ ދަތުރުގައި، އެ އަތޮޅު އުކުޅަހުގެ އިތުރުން ތޮއްޑޫއަށާއި ރަސްދުއަށް ޒިޔާރަތްކޮށް އެރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއާ ގުޅޭ ތަފާތު މަސައްކަތު ބައްދަލުވުންތަކާއި، ދޮރުން ދޮރަށް ހިނގުމާއި އަދި އާންމު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ރަސްދޫގައި “ދޭތިން ފަހެތި” ކެމްޕެއިންގެ ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ