ކުޑަކުއްޖަކާއި މެދު އިންސާފްގެ މަރުޙަލާތަކުގައި ބޭއިންސާފު ހިނގައި، ކުރެވިފައިވާ ޙުކުމާއިމެދު އިންސާފު ޤާޢިމްކޮށް ދިނުމަށް އެމްޑީޕީ އިން ނެރޭ ނޫސް ބަޔާން

noosbayan

ނަންބަރު:MDP-2013-PR-28
ތާރީޚް: 22 މާރޗް 2013 (ހުކުރު)

ކުޑަކުއްޖަކާއި މެދު އިންސާފްގެ މަރުޙަލާތަކުގައި ބޭއިންސާފު ހިނގައި، ކުރެވިފައިވާ ޙުކުމާއިމެދު އިންސާފު ޤާޢިމްކޮށް ދިނުމަށް އެމްޑީޕީ އިން ނެރޭ ނޫސް ބަޔާން

ވަރަށްކުޑަ އިރުއްސުރެން ފެށިގެން އާއިލާގެ ތެރެއިން ޖިންސީ ޝިކާރައަކަށް ވެފައިވާ، އަދި މިހާރު އުމުރުން އެންމެ ފަނަރަ އަހަރުގެ ކުޑަ އަންހެން ކުއްޖާގެ މައްޗަށް 100 އެތިފަހަރުން ޙައްދު ޖެހުމަށާއި، 8 މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖެވެނައިލް ކޯޓުން ޙުކުމް ކޮއްފައިވާތީއާއި، އަދިވެސް އެކަމުގައި އެކުއްޖާއަށް އިންސާފު ހޯދާދެވިފައި ނުވާތީ އެކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ. މިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ އިންސާފު ޤާޢިމް ކޮށްދެވޭ ނިޒާމެއް ނޫން ކަމާއި އަދި އާއްމު އުސޫލެއްގެ ގޮތުން ބޭއިންސާފުވާ ނިޒާމެއް ކަމަށް ބުނެ ދިވެހި ރައްޔިތުންނާއި ބައިނަލް އަޤްވާމީ ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ އަޑު އުފުލާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަނިޔާ ލިބިގެންވި 15 އަހަރުގެ އަންހެން ކުއްޖާއަށް އެއްވެސް މިންވަރަކަށް އިންސާފު ސަރުކާރުންނާއި ދަޢުލަތުން ހޯދައިނުދީ، އޭގެ ބަދަލުގައި އެކުއްޖާގެ ޙާލަތަށް ނުބަލާ އެކުއްޖާ ކުށް ކޮށްފައިވަނީ ރުހުމުގައި ކަމަށް ބަލައި ޕްރޮސެކިއުޓަރ ޖެނެރަލް އެކުއްޖާގެ މައްޗަށް ދަޢުވާ އުފުލާފައިވާކަން ކަންބޮޑުވުމާއިއެކު ފާހަގަ ކުރަމެވެ. އަދި އެކުއްޖާގެ މައްޗަށް ޙުކުމް އިއްވި ޖުވެނައިލް ކޯޓްގެ އިސް ފަނޑިޔާރު މުޙައްމަދު ނަޢީމަކީ ސިވިލް ކޯޓްގެ ފަނޑިޔާރަކަށް ހުއްޓާ، މައްސަލައަކާއި ގުޅިގެން އަދަބެއް ދެވުނު ފަނޑިޔާރެއް ކަމަށް ޖޭ.އެސް.ސީ އިން އިއުލާން ކުރުމަށްފަހު އެއަދަބަކީ ޖުވެނައިލް ކޯޓްގެ އިސްފަނޑިޔާރު ކަމަށް އޭނަ ހަމަޖެއްސުމަށް ކަމަށް ހަދައި، އަދަބެއްގެ ބަދަލުގައި ޕްރަމޯޝަން ދެވުނު ފަނޑިޔާރެއްކަން ފާހަގަ ކުރަމެވެ. އަދި އެފަދަ ޢަމަލުގެ ނަތީޖާއަކަށް ޝައްކެއްނެތް ގޮތުގައި ވެގެންދާނީ 15 އަހަރުގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ކުޑަ އަންހެންކުއްޖާގެ މައްޗަށް ބޭއިންސާފު ގޮތަށް ދަޢުވާ ކުރެވި، ބޭއިންސާފު އަދަބު ލިބުންކަން އެމްޑީޕީ އިން ކަންބޮޑުވުމާއިއެކު ފާހަގަ ކުރަމެވެ. އަދި އެކުޑަކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް އަވަސްވެ ގަތުމަށް ދަޢުލަތުގެ މައްޗަށް މިޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް