އެމްޑީޕީގެ ވެރިކަމެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލެވޭނެ – ރައީސް ނަޝީދު

guest house workshop maafushi 200313 (182)

ދާދި އަވަހަށް ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއް އުފެދިގެން އަންނާނޭ ކަމަށާއި، އެ ވެރިކަމެއްގައި ގެސްޓް ހައުސްގެ ވިޔަފާރިއާ އެހެން ވެސް ތަނަވަސްކަން ލިބޭނޭ ފަދަ ވަސީލަތްތައް ތަޢާރަފްކޮށް ހުރިހާ ރަށެއްގައި ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދެއްވާނޭ ކަމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިކަމުގައި ކިތައްމެ ހުރަހެއް، ކިތައްމެ ނުރައްކަލެއް، ދައްޗެއް ހުރިތަން ފެނިވަޑައި ގަންނަވާކަމަށާއި އަދި އެހުރަސްތަކުން އަރައިގަންނަން ޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އެ ހުރަސްތަކުން އަރައިގަތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ލިބެން އެބައޮތް ކަމަށާއި އާމްދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ގުނައަށް ގެންދެވެން ވެސް އެބައޮތް ކަމަށެވެ. އަދި ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި ދިވެހިންނަކީ ނަސީބު ގަދަ ރައްޔިތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ތަރައްޤީ ލިބެން އެބައޮތް، ރާއްޖޭއަކީ ޤުދުރަތީ ވަސީލަތްތައް ގިނަ ޤައުމެއް. އަޅުގަނޑުމެންނަކީ ރިޒުގު ލިބިގެންވާ ގައުމެއް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑާއި އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަކީ މައުދަނެއް. އޭގެން ވިޔަފާރި ރަނގަޅަށް ކުރެވެން އޮތް ގައުމެއް،” ރައީސް ނަޝީދު ވިދާޅުވި އެވެ

ރައީސް ނަޝީދު ވިދާޅުވީ، މި އުފަލުގެ ތެރެއިން ދައްކުވައިދެނީ ކިތަންމެ ހަޤީގަތްތަކެއް ކަމަށާއި، މިކަމުގެ ތެރެއިން ދައްކުވައި ދެނީ، ގެސްޓު މީހުންނާއި ދިވެހިންނާއި އެކީގައި ރީތިގޮތުގައި އުޅެވިދާނެކަމާއި، އޭގެ ސަބަބުން ދިވެހިން އަޤީދާއަށް ވެސް ކުޑަ ލޮޅުމެއް ވެސް ނާންނާނޭކަން ކަމަށެވެ.

” މިރޭ މި އުފަލުގައި މުޅި ރާއްޖޭއަށް ދައްކުވައި ދެނީ ކިތައްމެ އާ ހަޤީގަތްތަކެއް. ގެސްޓު މީހުންނާއި، ބޭރު މީހުންނާއި، ދިވެހިންނާއި އެކީގައި ރިވެތިގޮތުގައި އުޅެވިދާނޭކަމާ، އަދި އޭގެ ސަބަބުން ދިވެހީންގެ ދިރުއުޅުމަށް ވެސް، ދިވެހީންގެ އާދަކާދައާ އަޤީދާއަށް ކުޑަ ލޮޅުމެއް ވެސް ނާންނާނެކަމާ، ހަޤީގަތުގައި ވެގެންދާގޮތަކީ އަޅުގަނޑުމެން ހިތްތަކުގައި ވާ އަޤީދާ ވަރުގަދަ ވެގެންދާކަން. ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނޭ ކަމަށާއި، މި ދިވެހިރާއްޖެ އަޅުގަނޑުމެން ހީނުކުރާހާ އަވަސް މިނުގައި، ބާރު މިނުގައި އިރާދަކުރެއްވިޔާ އިސްލާހުވެ ރަނގަޅުވެގެން ދާނޭ ކަމަށެވެ.

މާފުށީގައި އެކިފަރާތްތަކުން ހިންގާ ވިހި ގެސްޓް ހައުސް ހުރިކަމަށް އެ ރަށުން މަޢުލޫމާތުދެއްވައެވެ. އަދި ރޭގެ ޖަލްސާގައި އެރަށުގައި ޗުއްޓީ ހޭދަކުރުމަށް އައިސް ގިނަ އަދަދެއްގެ ފަތުރުވެރިންގެ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.