ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގައި އެމްޑީޕީ ސިޔާސަތާ ގުޅޭ މަޝްވަރާ ބައްދަލުވުން މާފުށީގައި ބާއްވައިފި.

maafushi guest house

ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތާގުޅޭ މަޝްވަރާ ބައްދަލުވެއް އިއްޔެ މާލެ އަތޮޅު މާފުށީގައި ބާއްވައިފިއެވެ.

އިއްޔެ 4:30 ގައި ބޭއްވި މި ސެމިނަރގައި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ޕާލިމެންޓްރީ ގްރޫޕްގެ ބޭފުޅުންނާއި، ގެސްޓް ހައުސް ހިންގުމާއި އޮޕަރޭޓްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ 60ށް ވުރެން ގިނަ ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސެމިނަރއާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މާލެ އަތޮޅު ކައުންސިލްގެ މެމްބަރު އަލީ ޝާހިން ވިދާޅުވީ، އިއްޔެގެ ސެމިނަރގައި، ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

” މި ސެމިނަރގެ ބޭނުމަކީ، އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ސީދާ ގެސްޓް ހައުސް ހިންގާ އަދި އޮޕަރޭޓް ކުރާ ފަރާތްތަކުގެ ކިބައިން ހޯދުން. އިއްޔެ އަޅުގަނޑުމެންގެ ސެމިނަރގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާއި ގުޅޭގޮތުންނާއި މި ވިޔަފާރި ކުރާ ފަރާތްތަކުގެ އެސޯސިއޭޝަނެއް ހެދުމާއި ގުޅޭގޮތުން. ” ޝާހިން ވިދާޅުވިއެވެ.

އިއްޔެ މި ސެމިނަރގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުން ވަނީ، އެންމެން އެކީގައި މަސައްކަތް ކުރުމަށް ވަޢުދުވެ “ޑެކްލަރޭޝަން”އެއްގައި ސޮއިކުރައްވާފައެވެ.