ށ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ށ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިއަދު ކުރި އިޢުލާނެއްގައި ވަނީ، ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުތު ހަމަވާ ބޭފުޅުން 28 މާރޗް 2013 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން އަދި އެނޫން ވެސް ގަޑިތަކުގައި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައެޅުމަށް ހަމަޖައްސާފައިވަނީ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 30 މާރޗް 2013 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށް އިންތިޚާބާއި ބެހޭ ކޮމެޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.