ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތާ ގުޅޭ މަޝްވަރާ ބައްދަލުވުން މިއަދު މާފުށީގައި

ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތާގުޅޭ މަޝްވަރާ ބައްދަލުވުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު މިއަދު މާފުށީގައި އިފްތިތާހް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ގެސްޓް ހައުސް ވިޔާފާރިކުރައްވާ ފަރާތްތަކާއި، އަދި އެ ސިނާއަތާ ގުޅުންހުރި ވިޔާފާރިތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދައުވަތު ދެވިގެން ބޭއްވޭ މަސައްކަތު ބައްދަލުވުން މިއަދު ހަވީރު 4 ޖަހާއިރު މާފުށީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއިއެކު މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ރޭގަނޑުގެ ރަސްމިއްޔާތެއްވެސް އެމްޑިޕީންވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔާފާރި ތަރައްގީކުރުން އެއީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވޭ އެމްޑީޕީ މެނިފެސްޓޯގެ މުހިންމު އެއް ސިޔާސަތެވެ. އެމްޑީޕީގެ ދަތުރު ފަތުރުގެ ނިޒާމާއި ގުޅުންހުރި ސިޔާސަތުތައް އިތުރަށް ފުރިހަމަކުރެވެމުންދާއިރު، ގެސްޓްހައުސް ވިޔާފާރިއާއި ބެހޭ މުހިންމު އެހެން ވަޞީލަތްތައްވެސް ތަރައްގީ ކުރުމާއި، އެވިޔާފާރީގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ބޭންކްގެ ޚިދްމަތްތައް ފަހިކޮށް، ފޯރުވައިދިނުމަކީ މި ސިޔާސަތުގެ ބައެއް މުހިންމު ލަނޑުދަނޑިއެވެ.

ގެސްޓްހައުސް ވިޔާފާރި ކުރިއެރުވުމަށް ބޭނުންވާނެ ސިޔާސަތުތައް އެކުލަވާލެވެމުން ދާތީ، ގެސްޓްހައުސް ވިޔާފާރީގައި ޝާމިލްވެލައްވާ ފަރާތްތަކާއި ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ބައްދަލުކޮށްލެއްވުމާއި މަޝްވަރާ ބަދަލުކޮށްލެއްވުމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ގެސްޓްހައުސް ވިޔާފާރި ތަރައްގީ ކުރުމުގެ އާ ސިޔާސަތު އެކުލަވާލުމުގެ މަޝްވަރާ މަސައްކަތު ބައްދަލުވުމާއި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު ގަވްމީ ފެންވަރުގައި އިފްތިހާހު ކުރެވޭ ރަސްމިއްޔާތު މާފުށީގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ވަނީ ހަމޖެހިފައެވެ.