ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އިބޫ، ޑެޕިއުޓީ ލީޑަރުންނަށް އަލީ ވަހީދު އާއި ޖާބިރު!

pg.win

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މިހާރު ވެސް އެ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބޮވެ ވަޑައިގެންފިއެވެ.

އިބޫ ލީޑަރުކަމަށް އިންތިޚާބްވެ ވަޑައިގަތީ މިއަދު ބޭއްވި އެ ގްރޫޕްގެ އިލެކްޝަންގައި ވޯޓު ދިން 28 މެބްރުންގެ ތެރެއިން 25 މެމްބަރުން ފެންނަ ކަމަށް ވޯޓު ދީގެންނެވެ.

ޑެޕިއުޓީ ލީޑަރުކަމަށް އިންތިޚާބްވެ ވަޑައިގެންނެވީ މިހާރުގެ ވެސް އެ މަޤާމްގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. އަލީ ވަހީދު މި މަޤާމް ކާމިޔާބު ކުރެއްވީ ވޯޓު ދިން 28 މެމްބަރުންގެ ތެރެއިން 25 މެބްރުންގެ ވޯޓު ލިބިވަޑައިގެންނެވެ. އަބްދުﷲ ޖާބިރު އަށް 13 ވޯޓު ލިބިވަޑައިގެންނެވި އިރު، މި މަޤާމަށް ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަށް ލިބިވަޑައިގެންނެވީ 05 ވޯޓެވެ. އަދި ދިއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ސަމީރު އަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.

ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އިންތިޚާބްވެ ވަޑައިގެންނެވީ 20 މެމްބަރުންގެ ތާޢީދާއި އެކުއެވެ. ސެކެޓްރީ ޖެނެރަލްކަމަށް ތިނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޤަސަމް އިންތިޚާބްވެ ވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 28 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.

ވިޕުންގެ ގޮތުގައި އިންތިޚާބްވެ ވަޑައިގެންނެވީ މިހާރު ވެސް ޕީޖީގެ ވިޕުންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު އެވެ. އީވާ އަބްދުﷲއަށް 25 މެމްބަރުން ފެންނަކަމަށް ވޯޓު ދެއްވިއިރު، އިލްޔާސް ލަބީބު އަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. އަދި މުޙައްމަދު ޝިފާޒުއަށް ލިބިވަޑައިގެންނެވީ 27 ވޯޓެވެ.

މިއަދު ޕީޖީ ގްރޫޕްގެ މަޤާމްތަކަށް އިންތިޚާބްވެ ވަޑައިގެންނެވި ފަރާތްތަކަށް، ޕާޓީގެ ޗެއާޕަރސަންގެ ހައިސިއްޔަތުން ރީކޯ މޫސާ މަނިކު ވަނީ މަރްހަބާ ދަންނަވާފައެވެ.