ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބްކުރުމަށް ބާއްވާ އިލެކްޝަން މިއަދު މެންދުރު 14:00ގައި އެމްޑީޕީ އޮފީހުގައި ކުރިއަށް ދާނެއެވެ.
މި އިންތިޚާބުގައި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ކުރިމަތި ލާފައިވަނީ މިހާރު ވެސް ލީޑަރުކަމުގައި ހުންނެވި، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ކުރިމަތިލާފައިވަނީ މިހާރު ވެސް ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު، ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމެވެ.
ވިޕުންނަށް ކުރިމަތިލެއްވީ މިހާރު ވެސް ވިޕުންގެ ގޮތުގައި ތިއްބެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގައި އިއްޒަތްތެރި 30 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.