ފަނޑިޔާރުން އަލުން އައްޔަން ކުރެވެންދެން އިޚްތިޖާޖް ކުރާނަން – ރައީސް ނަޝީދު

gaumee majilis 170313 (22)

ރައީސްކަމަށް ވުރެން މުހިއްމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން ކަމަށާއި، މި ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ފަނޑިޔާރުން އަލުން އައްޔަން ކުރެވެންދެން އިޚްތިޖާޖް ކުރައްވާނޭކަމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ތާރީޚަށް ބަލައިލިކަމުގައި ވިޔަސް، ޝަރުޢީ ދާއިރާ ހަމައިން ނައްޓައިގެންދާ ކޮންމެ ފަހަރަކު ވެސް، އެ ދާއިރާ ހަމަ މަގަށް އަޅުވާފައިވަނީ ރައްޔިތުން ނުކުމެގެން ކަމަށްވެ. އަދި ދިވެހިރައްޔިތުން ސިހޭ ފަދަ އެތައްކަމެއް ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށާއި އެންމެހާ ބާރުތައް ހުއްޓެނީ ރައްޔިތުންގެ ކިބައިގައި ކަމުން، ރައްޔިތުން ނުކުމެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ބަދަލުކުރަން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

” އަޅުގަނޑު ހަނދާންވާގޮތުގައި މި [ސުޕްރީމް] ކޯޓުން އަޅުގަނޑުމެން އެންމެން ސިހޭ ބާވަތުގެ ވަރަށް ގިނަ ކަންތައްކޮށްފި. އެންމެ ފުރަތަމަ ކަމަކަށް އެބޭފުޅުން ނިންމެވީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 8 މެމްބަރުންގެ މައްސަލަ. އެބޭފުޅުން ބަދަލު ނުކުރެވޭނޭ ކަމަށް ކަނޑައެޅުން. ދެ ވަނަކަމަކަށް، އިންތިޤާލީ ބާބުގައި ކަނޑައަޅާފައި އޮތް މުއްދަތައް ރައްޔިތުންގެ މަޖިލިސް އިންތިޚާބް ނުކުރެވުމުން، މަޖިލިސްގެ ސައްޙަކަމާއި މެދުގައި ސުޕްރީމް ކޯޓުން ސުވާލު އުފެއްދައި އެކަމާއި ވެސް އެބޭފުޅުންގެ ނިންމެވުމެއް އޭރު ނިންމެވި. އަނެއްކަމަކީ ޖޭއެސްސީގެ ދަށުގައިވާ ކިތަންމެ ބާރެއް އަމިއްލައަށް އެ ކޯޓަށް ނަންގަވައި، އެބޭފުޅުހުން މިހާރު އެގެންދަވަނީ ބޭނުން ކުރައްވަމުން. “ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސުޕްރީމް ކޯޓުން އިއްވަވާ ހުކުމާއި، ލިޔުމުން ދެއްވާ ހުކުމްގައި ތަފާތު ހުންނަކަން އެމަނިކުފާނު ރައީސްކަމުގައި ހުންނަވަނިކޮށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން އެބޭފުޅުންނަކީ އުނިއިތުރު ކުރުމާއި، ޚިޔާނާތްތެރިކަން ކަނޑައެޅިގެން ސާބިތުވެފައިވާ ބައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައިވަނީ، ރައްޔިތުންގެ މަޖިލީހަށް ޚާއްސަވެގެންވާ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ނިންމާފައިވާ ކަންތައް ބާތިލްކޮށް، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ހިމެނިގެންނުވާ ތަނެއްކަމުގައި ހަދާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ނާޖާއިޒްގޮތުގައި ނިގުޅައިގަނެ، ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުކޮށް ޤާނޫނު އަސާސީއާ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލާފައިވާތީ، އެކަމާއި އެންމެ ފުޅާދާއިރާއެއްގައި އިޙްތިޖާޖްކޮށް، ރައްޔިތުންގެ ބާރުވެރިކަން އަލުން އަނބުރާ ހޯދުމަށް މަސައްކަތް ކުރުމަށް ޤައުމީ މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުން ޤަރާރެއް ފާސްކޮށްފައެވެ. ޤައުމީ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މި ޤަރާރަށް ތާޢީދު ކުރެއްވީ އެ މަޖިލީހުގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ އެވެ.

ފާސްކުރެވުނު ޤަރާރުތައް

ގަރާރު: މަޖިލީހުގެ ބާރުތައް ނާޖާއިޒް ގޮތުގައި ސުޕްރީމް ކޯޓުން ނިގުޅައިގަނެ، ޤާނޫނު އަސާސީއާއި ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާތީ ފުޅާ ދާއިރާއެއްގައި އިހުތިޖާޖުކޮށް ރައްޔިތުންގެ ބާރުވެރިކަން އަލުން ހޯދުމަށް ހުށަހަޅާ ޤަރާރު

ގަރާރު: ސުޕްރީމް ކޯޓުގެ ބެންޗު އަލުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ހުށަހަޅާ ގަރާރު