ހިތަދޫ ޒަމާނީގޭ ތުއްތު ދީދީ ގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުން

އައްޑޫ ސިޓީ ގެ ހިތަދޫ ޒަމާނީގޭ ތުއްތު ދީދީ (އިބްރާހީމް ޢަލީ ދީދީ ) އުމުރުފުޅުން 74 އަހަރުގައި، މިއަދުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނާއި ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ގެ އިޚްލާޞްތެރި ތަޢުޒިޔާ މަރްހޫމްގެ ޢާއިލާއަށް އަރިސްކުރަމެވެ.

ހިތަދޫ ޒަމާނީގޭ ތުއްތު ދީދީ އަކީ ތަޢުލީމީ ދާއިރާގައި އަގުހުރި ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިހާރުގެ ހިތަދޫ ސްކޫލް ގެ ފެށުން ވެފައިވަނީ 1975 ވަނަ އަހަރު އަމިއްލަ ގެކޮޅު ކަމުގައިވާ ހިތަދޫ ކޮމަންޑޫގޭގައި ތުއްތު ދީދީ ފެއްޓެވި އައްޑޫ އިންގްލިޝް ސްކޫލެވެ. އެ ސްކޫލްގެ ނާޒިރެއްކަމުގައި މަޖީދިއްޔާ ސްކޫލްގައި ގިނަ އަހަރުތަކެއް ޚިދްމަތް ކުރެއްވި މިސްޓަރ ޖޭވީ ހިލް ގެންނަވައި ސްރީލަންކާގެ އިތުރު ތިން ޓީޗަރުންނާއި އަދި މާލެއިންވެސް ދެ ޓީޗަރަކު އައްޑޫ އިންގްލިޝް ސްކޫލުގައި ކިޔަވައި ދެއްވުމަށް ތުއްތު ދީދީ ހަމަޖެއްސެވިކަން އެއީ އައްޑޫ ސިޓީގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތާރީޚްގައި ރަން އަކުރުން ފަވާލެވޭނެ ޚިދްމަތްތަކެކެވެ. އައްޑޫ އިންގްލިޝް ސްކޫލްގެ ގެހިންގެވުން އަތޮޅުކޮމިޓީން ބަލަހައްޓަވާ ގޮތަށް ހަމަޖައްސަވައިގެން ވިއްސަކަށް އަހަރު ތުއްތުދީދީ ހަމަޖެއްސެވި އިންތިޒާމްގެ ދަށުން ހިންގަވާފައިވާކަމީ މިހާރު ގެ ހިތަދޫ ސްކޫލްގެ ތަރައްގީ ރަމްޒުކޮށްދޭ އަގުހުރި ހިއްޞާއެކެވެ.

ހިތަދޫ ޒަމާނީގޭ ތުއްތު ދީދީ ވަނީ އައްޑޫ އާރއޭއެފް ގައި ފޯމަނެއްގެ ވަޒީފާ އަދާކުރެއްވުމަށް ފަހު 1978 އަދި 1979 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ސަރުކާރުން ތަރައްގީކުރެއްވުމުގެ މަސައްކަތުގައި ގިނަ ޚިދްމަތްތަކެއް ކުރައްވާފައެވެ. އޭގެ ފަހުން ތުއްތުދީދީ ވަނީ ޓުއަރިޒަމާއި މަސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައެވެ.

އަލްމަރުހޫމް އިބްރާހީމް ޢަލީ ދީދީ (ތުއްތު ދީދީ) އަވަހާރަވީއިރު ދަރިކަނބަލަކާއި ތިން ދަރިކަލުން އެބަތިއްބެވިއެވެ.

އަލްމަރުހޫމް އިބްރާހީމް ޢަލީ ދީދީ (ތުއްތު ދީދީ) އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވައި އެ މަރުހޫމްގެ ޢާއިލީ މެމްބަރުންގެ ކެތްތެރިކަން އިތުރުކުރައްވާށިއެވެ. އާމީން.

އަލްމުޙްލިޞް

މޫސާ މަނިކު (ޗެއަރޕާސަން)