ޕީޖީގެ ރައީސްކަމަށް އިބޫ، ނައިބު ލީޑަރުކަމަށް ހަތަރު މެމްބަރަކު!

PG press 05-08-12 (27)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މިހާރު ވެސް ލީޑަރުކަމުގައި ހުންނެވި، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރިމަތި ލައްވައިފިއެވެ. މީގެ އިތުރުން ނައިބު ލީޑަރުންގެ ގޮތުގައި ވެސް ހަތަރު މެމްބަރަކުވަނީ ކުރިމަތި ލައްވާފައެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމީޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ، ޕީޖީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހަށް ހަމަވިއިރު، ޑެޕިއުޓީ ލީޑަރުކަމަށް އިންތިޚާބް ކުރައްވާ ދެ ގޮނޑިއަށް ވާދަކުރައްވަން ސިޓީ ހުށަހަޅުއްވާފައި ވަނީ މިހާރު ވެސް ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއިގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށެވެ. މީގެ ތެރެއިން އަޙްމަދު ސަމީރަކީ މީގެ ކުރިން ވެސް ޕީޖީގެ ނައިބު ލީޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމެވެ.

ވިޕުންނަށް ކުރިމަތިލެއްވީ މިހާރު ވެސް ވިޕުންގެ ގޮތުގައި ތިއްބެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒެވެ.

30 މެމްބަރުން ހިމެނޭ ޕީޖީ ގްރޫޕްގެ އިންތިޚާބް ބާއްވާގޮތަށް ހަމަޖައްސާފައިވަނީ މިމަހު 27 ވަނަ ދުވަހު ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.