އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އަހަރުގައި ތިނަދޫގެ ފެނާ، ނަރުދަމާ އަދި ކަރަންޓުގެ ޚިދްމަތް ދުނިޔޭގެ ފެންވަރަށް ޤާއިމްކޮށްދޭނަން – ރައީސް ނަޝީދު

dheythin fahethi thinadhoo 150313 (94)

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ގދ. ތިނަދޫގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދްމަތްތައް ބައިނަލްއަޤުވާމީ ފެންވަރަށް ޤާއިމްކޮށްދެއްވާނޭ ކަމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2013ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެމްޑީޕީން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ކުދި އިންޖީނުގެތައް އެއްކޮށް ބޮޑު އެއް އިންޖީނުގެ އުފެއްދުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ނުހަނު ވިސްނުންތެރިކަމާއި އެކު އެމައްސަކަތް ކުރެއްވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި އިޔާދަކުރުވަނި ހަކަތަ ބޭނުންކޮށްގެން ތިނަދޫގައި ކަރަންޓް ޔުނިޓަކަށް ޖެހޭވަރު މިހާރަށް ވުރެން ދެ ގުނަ ކުޑަކޮށްދެއްވާނާ ކަމަށާއި އެކަން އެމްޑީޕީގެ ސަރުކާރަކަށް ކުރެވިދާނެ ކަމަށެވެ.

” މި ޒަމާނުގައި ހަކަތަ އުފައްދަނީ އިރުގެ ދޯދިން، މި ޒަމާނުގައި ހަކަތަ އުފައްދަނީ ވައި ރޯޅިން، މި ޒަމާނުގައި ހަކަތަ އުދައްނީ ކަނޑުގެ ރާޅުތަކުން. މި ދެންނެވި ޤުދްރަތީ ވަސީލަތްތަކަކީ މި ރާއްޖެއަށް ވަރަށް ބޮޑު ނިޢުމަތެއްގެ ގޮތުގައި، ރިޒްޤެއްގެ ގޮތުގައި ލިބިފައިވާ ވަސީލަތްތަކެއް. ދުނިޔޭގެ ޓެކްނޮލެޖީ ބަދަލަވަމުން މިދަނީ އެއީ ތެލައް ވަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިނަދޫގައި ވެސް އިޔަދަކުރުވަނި ހަކަތަ ބޭނުންކޮށް ކަރަންޓް ޔުނިޓަކަށް ހިނގާ ޚަރަދު ދެގުނައަށް ކުޑަކޮށް ދޭނަން ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ތިނަދޫގެ ޒުވާނުންނަށް ކުރިމަތިވެފައިވާ ވަޒީފާގެ މައްސަލައަށް ވެސް އަލިއަޅުވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ދޮޅުހާއްހެހާ ޒުވާނުން ވަޒީފާއެއް ބޭނުންވެ، އެހެން ނަމަވެސް ވަޒީފާ ނެތިފައި ތިބެ ޖެހުމަކީ ހިތާމައެއް ކަމަށާއި، އެއީ ރަށުގެ ތަރައްޤީއަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ، އެމްޑީޕީގެ ސަރުކާރުގައި ތިނަދޫ އާއި ހުވަދު އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި، ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވެ ވަޑައިގެންނެވިއެވެ.