އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ މިހަފްތާ ބަންދުގެ ދަތުރުތައް ފަށައިފި.

Boduthiladhunmathi Vaudhuge Dhathuru

މިފަހަރުގެ ދަތުރުގައި 31 ރަށަކަށް 10 ޓީމެއް ޒިޔާރަތް ކުރޭ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ މިހަފްތާ ބަންދުގެ ދަތުރުތަށް މިއަދު ފަށައިފިއެވެ. މިފަހަރުގެ ދަތުރުތަކުގައި 10 ޓީމަކުން 31 ރަށަކަށް ޒިޔާރަތް ކުރާނެއެވެ.

މިއަދު ހެނދުނު ފެށުނު މިދަތުރުތަކުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، ކެމްޕެއިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ މިދަތުރުތަކުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. ހޯރަފުށި، އިހަވަންދޫ، ހދ. ކުޅުދުއްފުށި، އަދި ނ. ވެލިދޫ އާއި ހޮޅުދޫގެ އިތުރުން ރ. މީދުއާއި މަޑުއްވަރީ، ކ. ގުރައިދުއާއި މާފުށްޓާއި ގުޅި، ފ ފީއަލި، ބިލެއްދޫ، މަގޫދު އާއި ދަރަވަންދޫ އާއި ނިލަންދޫ، ތ. ބުރުނި، ވަންދޫ، ކަނޑޫދޫ .އޮމަދޫ ކިނބިދޫ، ތިމަރަފުށި އަދި ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފުލިދޫ، ތިނަދޫ އާއި ފެލިދޫ އަދި، ގދ. ތިނަދޫ، ވާދޫ، ގައްދޫ. އަދި އައްޑޫސިޓީ އާއި ފުވައްމުލަކަށެވެ. މިދަތުރު ތަކުގައި ކެމްޕެއިން އޮނިގަނޑު ތަޢާރަފްކޮށްދިނުމާއި ދޮރުން ދޮރަށް ހިނގުމުގެ އިތުރުން އެމްޑީޕީގެ މެމްބަރޝިޕް ފޯމް ފުރުމާއި ޖަލްސާ ބޭއްވުންފަދަ ހަރަކާތްތައް ހިންގާނެއެވެ.

މި ދަތުރުތަކުގައި ހއ، ހދ ޓީމުގެ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ހަރަކާތްތެރިވެ ވަޑައިންނަވާއިރު، ނ ވެލިދޫ ދާޢިރާގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިންނަވަނީ ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމުއެވެ. އަދި ރ މަޑުއްވަރި އާއި މީދޫ ޓީމުގެ އިސް ލީޑަރެއްގެ ގޮތުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މާރިޔާ އަޙްމަދު ދީދީ، ތ ތިމަރަފުށި އަދި ވޭމަންޑޫ ދާއިރާގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ތ. ކނިބިދޫ ދާއިރާ ރައީސް މުހައްމަދު ޝަރީފު ( ސެންކޯ ) އެވެ. ވ ކެޔޮދޫ އަދި ފެލިދޫ ދާއިރާ ޓީމުގެ ލީޑަރެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު އަދި ފާފު ބިލެއްދޫ އާއި ނިލަންދޫ ޓީމުގެ އިސްލީޑަރަކީ މުހައްމަދު ޝިހާބެވެ. މިޓީމުގައި ފ. ބިލެއްދޫ ދާޢިރާގެ މަޖިލިސް މެންބަރު އަޙްމަދު ހަމްޒާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ގދ. ތިނަދޫ ދާއިރާ ޓީމުގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާޢިރާގެ މެންބަރު މުޙައްމަދު ޤަސަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ގދ ގައްދޫ ދާއިރާއަށް ޓީމް ލީޑަރެއްގެ ގޮތުގައި އަހުމަދު ޒާހިރު ވަޑައިގެންނެވިއެވެ. އައްޑޫ ސިޓީގެ ޓީމް ލީޑަރަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ ހަރަކާތްތެރިވެ ވަޑައިންނަވާއިރު، ފުވައްމުލަކު ޓީމުގެ ލީޑަރަކީ ހއ. ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިފާޒެވެ. މީގެ އިތުރުން، ކ ގުރައިދޫ ދާއިރާ އަށް ވެސް ޓީމެއް މިއަދު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަތުރުތައް ނިންމާލުމަށްފަހު ޓީމުތައް އެނބުރި މާލެ އަންނާނީ އާދިއްތަ ދުވަހުއެވެ.