ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ – ރައީސް ނަޝީދު

vaudhaai hingun maafannu hulhangu jalsa 120313 (25)

ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން ސުޕްރީމް ކޯޓަށް ނުތިއްބެވޭނެ ކަމަށާއި، ސިއްރު ވޯޓު ނެގުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލަ އެ ކޯޓުން އަވަހަށް ނިންމަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލު ކުރައްވަން އެމަޖިލީހުން ނިންމަވާފައިވާ ގޮތާއިމެދު ގޮތެއް ކަނޑަނާޅުއްވާ، ސުޕްރީމް ކޯޓުގައި ހިފައްހަޓާފައިވާތީ ވެސް އެމަނިކުފާނު ވަނީ ފާޑު ވިދާޅުވެފައެވެ.

” ވޯޓުލުމުގެ މައްސަލަ ހިފަހައްޓައިގެން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓު އެ ތިއްބަވަނީ ކޮން ބޭނުމެއްގައިތޯ؟ ކޮން ސިޔާސީ ފިކުރެއްގައިތޯ؟ އެއީ އިންސާފެއް ނޫން. އެބޭފުޅުންނަށް ޖެހޭނީ އެމައްސަލަ އަވަހަށް ނިންމަވަން. ރައްޔިތުންގެ މަޖިލީހރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެނެއް ސުޕްރީމް ކޯޓަކަށް ނުތިއްބެވޭނެ. ރައްޔިތުންގެ މަޖިލީހުގެ މަސްޢޫލިއްޔަތެއް މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމާއި އެމީހުން ވަކި ކުރުން. ދާދި ފަހުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ނިންމެވީމާ، ސުޕްރީމް ކޯޓަށް ކޮން ހައްޤެއްތޯ އޮތީ އެ މައްސަލާގައި ވެސް ހިފަހައްޓައިގެން ތިއްބަވަން؟” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި މައްސަލަތައް ހިފަހައްޓަވައިގެން ނުތިއްބެވުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ކިބައިން ވަރަށް އަދަބުވެރިކަމާއި އެކު އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ، މި ރާއްޖޭގައި އިންސާފް ގެއްލިގެންދާކަން އުއްތަމަ ފަނޑިޔާރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޝަރުޢީ ދާއިރާގެ އަދުލުވެރިކަމާއި އިންސާފް ގެއްލިގެން ދާއިރު ވެސް އުއްތަމަ ފަނޑިޔާރު ފާއިތުވި ހަފްތާ ތެރޭގައި ވެސް އިންނެވީ، ޝަރީޢަތް ނިންމަވާނޭ ގޮތަކާއި މެދު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، އުއްތަމަ ފަނޑިޔާރު، ނުކުމެވަޑައިގެން އެމަނިކުފާނަށް ކޮންމެ ގޮތެއްހެއްދެވިޔަސް ޖެހިލުމެއް ނުވާނެކަމަށާއި އެމްޑީޕީން ނުކުތް މަސައްކަތް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާނުލާނޭކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވަނިކޮށް ކަންތައް ކުރެއްވިގޮތަށް ޢަމަލު ކުރައްވަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

” ސިޔާސީ ކަންކަމުގައި ވާދަކޮށްގެން، ވޯޓް ހޯއްދަވައިގެން ވަޑައިގެންނެވުމަކީ އެއްގޮތަކަށް ވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން. އެހެން ކަމުން އަޅުގަނޑުމެންނަށް މި ސިޔާސީ ވާދަވެރިން ނައްތާލަން އެބޭފުޅުން މަސައްކަތް ކުރައްވާތަން. އެބޭފުޅުން މަސައްކަތް ކުރައްވަނީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުއްޓައި، ކެޔަސް ނުކެޔަސް، ދިނަސް ނުދިނަސް ކަނޑާ ކަނޑާ ބަންގަޅީސް އުސޫލުން އަޅުގަނޑު މައްޗަށް ހުކުމް އިއްވިގޮތަށް މިހާރު ވެސް ޢަމަލު ކުރަން ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ކަންމަތީ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.