ޖޭ.އެސް.ސީން ޤާސިމް ވަކިކުރިމަށް އެމްޑީޕީން ހުށަހަޅައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގައި ހުންނަވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިޢުލާން ކުރައްވާފައިވާތީއާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުގެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓަށް މެޖިސްޓްރޭޓުން ކަނޑައެޅިއިރު އެކަމުގައި ބައިވެރިވެ، ނުފޫޒު ފޯރުވާފައިވާކަމަށް ތުޙުމަތު ކުރެވޭތީ، ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރުންކަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ވަކިކުރުމަށްޓަކައި އެމްޑީޕީން މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރުންކަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ވަކި ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ، ޖުޑީޝަލް ސަރވިސަސް ކޮމީޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ (3)، (6)، (7) އަދި (8) ވަނަ ނަންބަރާއި ޚިލާފަށް ޤާސިމް އިބްރާހިމް ޢަމަލު ކުރައްވާފައިވާތީ، އެ ޤާނޫނުގެ 14 މާއްދާއާ ހަވާލާދީއެވެ.

އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލާގައިވަނީ، އަންނަ ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާނޭކަން އިޢުލާން ކުރައްވާ، އެ ނިންމެވުން މަތީ ދެމި ހުންނަވައި، އެ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެނޑިޑޭޓެއް ކަމުގައިވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުމަށް، ކޯޓުތަކާއި ބެހޭ ޤާނޫނާއި ޚިލާފަށް ޤާއިމްކޮށްފައިވާ ކޯޓެއް ޖޭ.އެސް.ސީއިން ކަނޑައެޅި އެޅުމުގައާ، އެ ޝަރީއަތް ކުރުމަށްޓަކައި ޢަމަލުކުރަމުންދާ ހަމަތަކާއި އިންސާފުގެ އުސޫލުތަކާ ޚިލާފަށް އެކޯޓުން 3 މެޖިސްޓްރޭޓުންގެ ޕެނަލެއް ޖޭ.އެސް.ސީން ހަމަޖެއްސުމުގައި ޤާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެން، ނުފޫޒު ފޯރުވާފައިވާކަމަށް ތުޙުމަތު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޠަބީޢީ ޤާނޫނުގެ ހަމަތަކާއި އިންސާފުގެ އުސޫލުތަކަށް ބަލާއިރު، އެއް އިންތިޚާބެއްގައި ތިމާއާއި ވާދަކުރާ ފަރާތެއްގެ ކެނޑިޑެންސީ ބާޠިލްވެދާ ފަދަކަމެއް ނިންމުމުގައި ތިމާ ބައިވެރިވުމަކީ، އެ ޢަމަލަށް އެކަނި ބެލި ނަމަވެސް، މަޞްލަޙަތުގެ ފުށުއެރުމުގެ އަމަލެއް ކަމުގައި ވެސް އެ ހުށަހެޅުމުގައި ވެއެވެ.