ޕްރޮސެކިޔުޓަރ ޖެނެރަލް އަށް ލިބިފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުތައް ޢާއްމުންނަށް އޮޅޭގޮތަށް އެއްވެސް ބޭފުޅަކު ޢަމަލު ނުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ދަންނަވާ އިލްތިމާސް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތައް ކަނޑައަޅާފައިވާއިރު، އެމާއްދާގެ (ފ) ގައި ބަޔާންކުރަނީ ޤާނޫނުއަސާސީގެ އެންމެހައިހަމަތަކާއި، ޤާނޫނާއި، އެންމެހައިފަރުދުންގެ ޙައްޤުތަކާއި، މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތެއްކަމުގައެވެ.

އަދި ޤާނޫނުއަސާސީގެ 223 ވަނަމާއްދާގެ (އ) ގައި ބުނެފައިވަނީ،ކުށެއްކުރިކަމުގެ ތުހުމަތުކުރެވިފައިވާމީހަކާމެދު ދަޢްވާ އުފުލުމަށް ނުވަތަ ދަޢްވާނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢްވާއެއް އަނބުރާގެނައުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރީބާރުގެތެރޭގައި ހިމެނޭކަމެއްކަމުގައެވެ.

މިގޮތުންބަލާއިރު، ޤާނޫނުއަސާސީގެ 26 ވަނަމާއްދާގެ (ނ) ގެދަށުން، އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު އިޚްތިޔާރުކުރާމަންދޫބުން މެދުވެރިކޮށް ރައްޔިތުންގެކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ކޮންމެ ފަރުދަކަށްމެ ލިބޭނޭކަން ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވީހިނދުއާއި، ރައީސް މުޙައްމަދު ނަޝީދަކީ 46,000 އަށްވުރެގިނަރައްޔިތުން އެމާއްދާގައި ބަޔާންކޮށްފައިވާގޮތުގެމަތީން ޢައްޔަނުކޮށްފައިވާމަންދޫބުކަމަށްވާއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށްކުރެވޭ ދަޢްވާގެޝަރީޢަތަކީ އެއެންމެހައިފަރުދުންގެ ޙައްޤުތަކާ ސީދާގުޅިފައިވާ ޝަރީޢަތެއްކަމުގައިވާތީ، އެފަރުދުންގެޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި އެކަމުގައި އަޅަންޖެހޭކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ފެނިވަޑައިގަންނަވާ ޢަދުލުވެރި ފިޔަވަޅުއެޅުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މައްޗަށްއޮތް ވާޖިބުއަދާކުރުންކަމުގައިވާއިރު، އެކަމަކީ ޕްރޮސެކިޔުޓަރ ޖެނެރަލް ކޮށްގެންނުވާނޭ ކަމެއްކަމުގައިއާއި، އެފަދަ ނިންމުމެއް ނިންމެވުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރެއްނޫންކަމަށް ބުނުމަށް އެއްވެސްފަރާތަކަށް ޤާނޫނު ފުރުޞަތުނުދޭކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަ ދުނަޝީދުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައާ ގުޅިގެން 6 މާރޗް 2013 ވަނަދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނުޝަރީޢަތުގެއަޑުއެހުމުގައި، 2013 ވަނަ އަހަރު ބޭއްވުމަށްހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނިމެންދެން އެމައްސަލަ ފަސްކުރުމާމެދު އިޢުތިރާޟެއް ނެތްކަމުގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއާއި، ޤާނޫނުނަންބަރު: 9/2008 (ޕްރޮސެކިޔުޓަރ ޖެނެރަލްގެ ޤާނޫނު) ގައިކަނޑައަޅާފައިވާ އުޞޫލުތަކުގެތެރެއިން ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ލިބިވަޑައިގެންފައިވާ ބާރުގެތެރެއިންނެވެ.

9 މާރޗް 2013 ވަނަ ދުވަހުގެރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިންބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހަތަރު ހަފުތާއަށް ފަސްކޮށްލަން ނުވަތަ އިންތިޚާބަށްފަހު އެމައްސަލަ ބައްލަވަން ފަސްކުރުން އެންމެރަނގަޅުކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ވިދާޅުނުވެވޭނެކަމަށެވެ.

“ރާއްޖޭގައި އެކިއެކި ފަރާތްތަކާއި މެދު ދަވްލަތުން ކުރާ ދަޢްވާ އެކިއެކި ސަބަބުތަކަށްޓަކައި އަނބުރާގެންދިޔުމާއި ފަސްކޮށްދިނުން އެއީ ޕްރޮސެކިޔުޝަންގެ ފަރާތުން ޢަމަލުކުރެވޭ އުޞޫލެކެވެ. މިގޮތުން، މާބަނޑުމީހުންގެ ޝަރިއްޔަތްތައް ވިހަންދެން ފަސްކޮށްދެއްވުމާއި އަދި ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ މީހުންގެ މައްސަލަތައްވެސް ކިޔަވާ ނިމެންދެން ފަސްކޮށް ދީފައިވާނެއެވެ. މީގެ އިތުރުން، މިހާރު ޤާނޫނު އަސާސީ އާއި ޤާނޫނުން މިކަމަށް ބާރު ލިބިދެއޭ” ރާއްޖޭގެ ޕްރޮސެކިޔުޝަންގެ ދާއިރާގައި ބަނޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރައްވާފައިވާ އަދި ރައީސް މުޙައްމަދި ނަޝީދުގެ ތަރުޖަމާނު އަލްއުޞްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

9 މާރޗް 2013 ވަނަ ދުވަހުގެރޭ ޕީ.ޕީ.އެމް ގެ ޖަލްސާގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެޖަލްސާގެ ޖަޒްބާތުގައި އެހެންވިދާޅުވިއެއްކަމަކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަޙްމަދު ތަސްމީނު ޢަލީ އަދި ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމް އެހެން އެކަން ހިނގާން ބޭނުންފުޅު ނުވާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ދެކިވަޑައިގަންނަވައެވެ. އެއީ، އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި މިބޭފުޅުންނަކީ ވާދަވެރި ސިޔާސީ ނިޒާމު ޤަބޫލުކުރައްވާ ވާދަވެރި ރިޔާސީ އިންތިޚާބެއްގައި ބައިވެރިވެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާނޭ ބޭފުޅުންކަމުގައި ރައީސް މުޙައްމަދު ނަޝީދު ޤަބޫލުފުޅު ކުރައްވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވީމާ، ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުތައް ޢާއްމުންނަށް އޮޅޭގޮތަށް އެއްވެސް ބޭފުޅަކު ޢަމަލު ނުކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން އިލްތިމާސް ދަންނަވައެވެ.

11 މާރޗް 2013