އެމްޑީޕީގެ މެމްބަރުންނަށް ނޭގި އެހެން ޕާޓިތަކަށް ބަދަލުކުރަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ދިވެހިރައްޔިތުންނގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ނޭގި އެފަރާތްތައް އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންކަމުގެ ޝަކުވާ ޕާޓީގެ ސެކްރެޓޭރިއެޓަށް ލިބެމުން އަންނަ އަދަދު ފާއިތުވި ދުވަސްތަކުގައި އިތުރުވެފައިވާތީ، މެމްބަރޝިޕް ކަންތަކުގައި އިލެކްޝަންސް ކޮމިޝަނުން މިހާރަށް ވުރެން ބޮޑަށް ސަމާލުވުމަށް އެދި އެމްޑީޕީން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްޑީޕީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ސޮއިކުރައްވާ ފޮނުވި މި ސިޓިގައި ވަނީ، މެމްބަރޝިޕް އިތުރުކުރުމުގެ ބުރަ މަސައްކަތަށް އެމްޑީޕީއަކީ ވަރަށް ފަރިތަ ޕާޓީއެއް ކަމަށާއި، މެމްބަރޝިޕް ފޯރމްތައް ޕްރޮސެސް ވުމުގައާއި ފޯރމްތައް ރިޖެކްޓްވެގެން ފޯރމްތައް އައުމުގައި ކަންހިނގާގޮތް ވަރަށް ސާފްކޮށް އެމްޑީޕީއަށް އިނގޭކަމަށެވެ.
މި ސިޓީ ޗެއާޕަރސަން ވަނީ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުއްލިއަކަށް ބައެއް ޕާޓީތަކުން އަދި އަނެއްބައި ޕާޓީތަކުން 3 ދުވަސްތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އެތައް ހާސް މެމްބަރުންނެއް އިތުރުވެފައިވާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އަދި އެޕާޓިތަކުން ހުށަހަޅާ ފޯރމްތައް ފަސޭހަކަމާއި އެކު ސައްޙަކުރަމުންދާތީ އެކަމާ ސުވާލު އުފެދި ކަންބޮޑުވާކަމަށް ވެސް ޗެއާޕަރސަންގެ މި ސިޓީގައި ވެއެވެ.
ޗެއާޕަރސަން ވަނީ ފޯރމްތައް ސައްޙަކުރުމުގައި މިހާރަށް ވުރެން ސަމާލުވެ، ކަންތައްތައް ހައްލުވާނޭ ފަދަގޮތަކަށް ކަންތައް ތަރުތީބުކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނަރ އަރިހުން އެދިވަޑައިގެންފައެވެ. އަދި އޮޅުވާލައިގެން މެމްބަރުން އިތުރުކުރަމުންދާ ޕާޓީތަކުގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވެސް ޗެއާޕަރސެންގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީޤްކުރަން މަޖުބޫރުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި އެކު ބައެއް ޕާޓީތަކުން ވަނީ 3 ދުވަސްތެރޭގައި އެތައް ހާސް ރައްޔިތުންގެ ސޮއާއެކު އިލެކްޝަންސް ކޮމިޝަނަށް މެމްބަރޝިޕް ފޯރމް ހުށަހަޅާފައެވެ.