މެމްބަރޝިޕް އިތުރުކުރުމުގެ ޤަރާރާއި އެއްގޮތަށް ގިނަ ދާއިރާތަކަކުން ފޯމް ހަވާލުކުރަމުން އެބަދޭ!

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރުކުރުމަށް ޤައުމީ މަޖިލީހުން ފާސްކުރި ޤަރާރާއި އެއްގޮތަށް، ގިނަ ދާއިރާތަކަކުން ސެކްޓޭރިއޭޓަށް ފޯމު ގެންނަމުން ދާކަމަށް ސެކްރެޓޭރިއޭޓުން ބުނެފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހްމަދު އަކްރަމް ވިދާޅުވީ، ޤައުމީ މަޖިލީހަށް މަޑަވެލި ދާއިރާ މެމްބަރު މުޙައްމަދު ނާޒިމް ހުށަހަޅައި ފާސްވި ޤަރާރައި އެއްގޮތަށް ވަރަށް ގިނަ ދާއިރާތަކަކުން މެމްބަރޝިޕް ފޯމް މިހާރު އޮފީހަސް ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން މި ހަފްތާގައި ވެސް 5 ދާއިރާއަކުން ޕާޓީ އޮފީހަށް ފޯމް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެއީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް 130 ފޯރމް، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު 50 ފޯރމް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް 66 ފޯރމެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސައިން ޝަމީމް 74 ފޯރމް ހުށަހަޅާފައިވާއިރު، މަތިދެކުނު ޕްރޮވިންސްގެ ރައީސް މުޙައްމަދު ހަސަން ވަނީ 82 މެމްބަރޝިޕް ސެކްރޭޓޭރިއޭޓަށް ހުށަހަހަޅާފައެވެ.

ޕާޓީއަށް މެމްބަރޝިޕް އިތުރު ކުރުމަށް، މަޖިލިސް މެމްބަރުންނާއި، ދާއިރާތަކުގެ ރައީސުންގެ އިތުރުން ޢާންމު ރައްޔިތުން ވެސް ގެންދަވަނީ ހިތްވަރާއި އެކު މަސައްކަތް ކުރަމުންނެވެ. އެމްޑީޕީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ވަނީ އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ޝުކުރު އަދާކުރައްވާފައެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.