ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

– އިތުރު 14ގެ އިންތިޚާބަށް ވެސް ވަނީ އިޢުލާންކޮށްފައި

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުފުރުސަތު މިއަދު ޕާޓީގެ ސެކްރެޓޭރިއޭޓުން ހުޅުވާލައިފިއެވެ.

މިމަހުގެ 29 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މިމަހު 18 ވާ ހޯމަ ދުވަހުގެ 15:00 ކަމަށް އިންތިޚާބާއި ބެހޭ ކޮމެޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓެއް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ފޯކަލް ޕޮއިންޓްގެ ބޭނުމަކީ ޒުވާނުންގެ ހިތްވަރުން ރާވާއި ހިންގާ ކަންތަކަކަށް އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއްބާރުލުން ދިނުން ކަމަށެވެ.

މީގެ އިތުރުން 14 ދާއިރާގެ އެކިއކި މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވެސް ސެކްރެޓޭރިއޭޓުން ވަނީ އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުގެ ނައިބު ރައީސްކަމާއި، ސެކްރެޓަރީކަމުގެ މަޤާމްތަކެވެ.