އެމްއެންޔޫގެ ދަރިވަރުން އެމްޑީޕީގެ ޒުވާނުންގެ ހިއްވަރާއެކު މަސައްކަތް ކުރަންް ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 25 ޒުވާނުން ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ޒުވާނުންގެ ހިއްވަރާއެކު “ސްޓުޑެންޓް އިންޓްރަސްޓް ގްރޫޕެއް”އުފެއްދުމަށް ނިންމައިފިއެވެ.

“އަސްކަނި” ނަމުގައި ހަރަކާތްތެރިވާން އެދޭ ޔުނިވަރސިޓީގެ މި ޒުވާނުން، އެމް.ޑީ.ޕީއަކީ އިސްލާހަށް މަސައްކަތް ކުރާ އަދި ދިވެހިރާއްޖޭގައި ޑެމޮކްރަސީ ޤާއިމް ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ހަމަ އެކަނި ޕާޓީކަމަށް ބުނެ މިޕާޓީގެ ޒުވާނުންގެ ހިއްވަރާއެކު “ސްޑޫޑަންޓް އިންޓްރަސްޓް ގްރޫޕެއް “ އެފެއްދުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ރައީސް އައިމިނަތު ޝައުނާ ވިދާޅުވީ، ޔުނިވަރސިޓިގެ މި ޒުވާނުން އަޅުގަނޑުމެންނާއެކު މަސައްކަތްކުރުމަށް ނިންމާ، އެ މީހުން އެބޭނުންވާ ގްރޫޕް އުފެއްދުމަށް މަސައްކަތް ފަށައިފިކަމަށެވެ. މި އިންޓަރަސްޓް ގްރޫޕްގެ ފައުންޑަރ މެމްބަރުންގެ ގޮތުގައި ތިބޭނީ ފުރަތަމަ ގުޅުނު 25 ޒުވާނުންކަމަށް ވިދާޅުވެ ޝައުނާ އިތުރަށް ވިދާޅުވީ، އެ ގްރޫޕުން ހާމަކުރި ގޮތުގައި އެ މީހުންގެ މި ނިންމުމަކީ އެތައްކަމެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން މިވިގުތު ރާއްޖޭގައި ޒުވާނުންނަށް ބޭނުންވާ ކަންކަމަށް މަގު ހޯދައި ދެވޭނެހަމައެކަނި ޕާޓީއަކީ އެމްޑީޕީކަން ޤަބޫލުކުރެވި، މި ޕާޓީއާ އެކު މަސައްކަތް ކުރަން ނިންމީކަމަށެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ، “އެމީހުން ބުނަމުން އައީ، ދިވެހި ޒުވާނުންނަށް މިއަދު އެންމެ މުހިއްމު ކަމަކީ ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި އެކަށީގެންވާ ތަމްރީނު ހޯދައިދިނުންކަމަށެވެ. އަދި ހަމައެއާއެކު ޒުވާނުންނަށް މިއަދު އެންމެ މުހިއްމު އަނެއް ކަމަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރެ ޒިންމާދާރު ބައެއް އުފެއްދުން ކަމުގައި އެ މީހުން ޤަބޫލު ކުރާކަމަށެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އަތްފޯރާ އަގުގައި ފޯރުކޮށްދިނުމަކީ މިއަދު ދައުލަތުން ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް ކަމުގައި ޤަބޫލު ކުރާކަމަށެވެ.އަދި މިކަންކަމަށް ވިސްނައި މިހާތަނަށްވެސް މިދެންނެވުނު މައްސަލަތަކަށް ޙައްލު ގެނައުމަށް އިޚްލާސްތެރި ކަމާއެކު އެމް.ޑީ.ޕީގެ ސަރުކާރުގެ 3 އަހަރުގައި މަސައްކަތްކޮށްފައިވާކަންޤަބޫކުކުރާކަމަށެވެ. އަދި ދެންނެވުނު ކަންކަމުގައި ވިސްނުންތެރިކަމާއެކު ސިޔާސަތު ހަދައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީން މަސައްކަތް ކުރާތަން އަންނަނީ ބަލަމުންކަމަށެވެ.”

“އަދި މިކަންތައްތަކަށް ރިޢާޔަތްކޮށް ޒުވާނުންގެ އުންމީދުތައް އެންމެ ފުރިހަމަ ގޮތުގައި ހަގީގަތަކަށް ހެދޭނީ އެމް.ޑީ.ޕީއާއެކު މަސައްކަތްކޮށްގެން ކަމުގައި ޤަބޫލުކުރާކަމަށެވެ. އަދި އެމް.ޑީ.ޕީގެ ސިޔާސަތުތައް އެކުލަވާލުމުގައާއި ރިސާރޗް ހެދުމުގައާއި ވޮލަންޓިއަރުން ހޯދުމުގައި އެމް.ޑީ.ޕީއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އެމީހުން ދިނެވެ. “

އެމްޑީޕީގެ ޒުވާނުންގެ ހިއްވަރާއެކު މަސަޢްކަތް ކުރަން ބޭނުންވާ އެކި ގްރޫޕްތަކަށާއި، އެކި ދާއިރާތަކުގެ ތަފާތު ފަންނާނުންނަށްވެސް މަރަޙަބާ ކިޔާކަމަށް ޝައުނާ ވިދާޅުވިއެވެ.