ނޫސްބަޔާން: ޕީޕީއެމްއިން ރޭގަ ބޭއްވި ޖަލްސާއިން ރާއްޖެޓީވީގެ ރިޕޯޓަރުން ބޭރުކޮށްފައިވާތީ އެކަން ކުށްވެރިކުރަން

noosbayan

ނަންބަރު:MDP-2013-PR-26
ތާރީޚް: 08 މާރޗް 2013 (ހުކުރު)

ޕީޕީއެމްއިން ރޭގަ ބޭއްވި ޖަލްސާއިން ރާއްޖެޓީވީގެ ރިޕޯޓަރުން ބޭރުކޮށްފައިވާތީ އެކަން ކުށްވެރިކުރަން

ރޭ އާޓިފިޝަލަ ބީޗްގައި ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްވެސް ބައިވެރިވެވަޑައިގަތް އާއްމު ޖަލްސާއިން ރާއްޖެޓީވީގެ ރިޕޯޓަރުންނަށް ފުރައްސާރަކޮށް އެޖަލްސާއިން ރާއްޖެޓީވީ ބޭރުކޮށްލާފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަން ކަމަށް ބުނެ ޕީޕީއެމްއިން ބޭއްވި އެޖަލްސާގައި ރާއްޖެ ޓީވީގެ ފަރާތުން ޖަލްސާ ކަވަރު ކުރަން ގޮސް ތިބި އަންހެން ނޫސްވެރިންނަށް އެންމެންގެ ކުރިމަތީގައި ފުރައްސާރަކޮށް، ލަދުގެންނެވުމުގެ އަމަލުތައްކޮށް އަދި އެޖަލްސާ ކަވަރުކުރުމަށް ހުރަސް އަޅާ ރާއްޖެޓީވީގެ މައިކް ނެގުމަށް އަމުރުކޮށް ހަދާފައިވާކަމީ، ޕީޕީއެމްއަށް މިނިވަން ނޫސްވެރިކަން ހަޖަމްނުކުރެވޭކަމާއި ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގައި އަންހެނުންނަށް އިޙްތިރާމް ކުޑަ ކުރިކަން ހާމަވެގެން ދިޔަ ކަމެއްކަމަށް އެމްޑީޕީއިން ދެކެމެވެ.

ނޫސްވެރިކަމުގެ އެއްވެސް މިނިވަންކަމެއް ނެތް، އަދި ނޫސްވެރިން ޖަލަށް ލާ އަނިޔާ ކުރުމުގެ ސަގާފަތެއް 30 އަހަރު ދުވަހު ހިންގުމަށް ފަހު އަދިވެސް އެގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި އެމަނިކުފާނުންގެ ޕީޕީއެމް އޮތްކަން ރޭގެ ހާދިސާއިންވެސް ހާމަވާކަމަށް ދެކެމެވެ. ޕީޕީއެމް ނިސްބަތްވާ މިހާރު މި އޮތް ސަރުކާރުންނާއި، ފުލުހުންވެސް ގެންދަނީ ޤާނޫނުތައް މުގުރާ ރާއްޖެޓިވީއަށް ގޯނާ ކުރަމުންކަން ފާހަގަކުރަމެވެ. އަދި ރާއްޖެޓީވީގެ ނޫސްވެރިއަކު މިހާރުވެސް ގެންދަނީ މިނިވަން ނޫސްވެރިކަމުގެ ދުޝްމަނުން ދިން ނުރައްކާތެރި ހަމަލާއަކުން ލިބުނު ބޮޑެތި ޒަޙަމްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންނެވެ.

އެމްޑީޕީގެ ސަރުކާރު އޮތް އިރު މިނިވަން ނޫސްވެރިކަން ރައްކާތެރި ކޮށްދިނުމަށް ކޮށްދީފައިވާ މަސައްކަތުގެ ސަބަބުން ރިޕޯޓަރސް ވިތައުޓް ބޯރޑާސްގެ ޕްރެސް ފްރީޑަމް އިނޑެކްސްގައި ރާއްޖެ 52 ދަރަޖަ ކުރި ހޯދައިފަވާއިރު ޕީޕީއެމް ބައިވެރިވާ ބަޣާވާތުގެ ސަރުކާރު އައުމާއެކު އެ އިންޑެކްސް 30 ދަރަޖަ ދަށަށް ވެއްޓިފައިވާކަންވެސް މިޕާޓީއިން ފާހަގަ ކުރަމެވެ.

އަދި މިނިވަން ނޫސްވެރިކަމަށް ގޯނާ ނުކުރުމަށާއި، އަނިޔާވެރިކަން އިސް ނުކުރުމަށާއި، އެއްވެސް ދާއިރާއެއްގައި މަސަތްކަތް ކުރާ އަންހެން ކަނބަލުންނަށް ފުރައްސާރަ ނުކުރުމަށް އެމްޑީޕީއިން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް