ދިވެހިރާއްޖޭ ރައީސްކަމަށް މިއަހަރު ހުވާކުރައްވާނީ ރައީސް ނަޝީދު – މޫސާ މަނިކު

reeko-moosa

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރައްވާނީ ﷲގެ އިރާދަފުޅާއި އެކު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކަމަށް ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީގެ ދުވެލި ހަލުވި ކުރަން ޖެހިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އިނދިކޮޅު ފަރާތްތަކަށް ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަމަށް ވެސް މޫސާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަލީ ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހުގައި ސިއްރު ވޯޓު ނެގޭނޭގޮތައް ނިންމިހާ އަވަހަކަށް ބާޣީ ނާޒިމް އާއި ބާޣީ ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާނޭ ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، އެ ދެ މީހުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާ ރައްޔިތުންގެ މަޖިލީހުން މަޑުކޮށްގެން އޮތީ ޤާނޫނީގޮތުން އެކަން ނުކުރެވޭނޭތީކީ ނޫންކަމަށާއި، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ތޮޅެން ފަށައިފި ނަމަ އޭގެ ދެރަ ރައްޔިތުންނަށް ލިބިގެން ދާނެތީކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި “ސީޔާސީ ޕާޓީތަކާއި ބެހޭ ބިލް”އާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، މަޖިލީހުން ބިލް ފާސްކުރަން މަސައްކަތް ފެއްޓި ހިސާބުން ފެށިގެން ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބެމުން އަންނަކަމަށާއި ކުއްލި ގޮތަކަށް މިފަދަ ޝަކުވާތައް އަންނަން ފެށީ ކީއްވެގެންތޯ ސާފުކުރަން ޖެހޭ ކަމަށެވެ.
“2000 މީހުން ހަމަނުވާ ޕާޓީތައް ކުއްލިއަކަށް 10000 މީހުންގެ ޕާޓީތަކަށް ބަދަލުވެގެންދާތަން މި ފެންނަނީ. ވަރަށް ގިނަ ބައެއްގެ ޝަކުވާ ލިބެމުން ދަނީ އެކި ޓްރިކްތައް ބޭނުންކޮށްގެން، ފޯމްތައް ވަގަށް ނަގައިގެން މެމްބަރޝިޕް އިތުރުކުރަން. ތިބޭފުޅުންގެ މެމްބަރޝިޕް ދުވާލަކު އެއްފަހަރު ޗެކްކުރައްވާ އިނގޭތޯ.” ޝިފާޒް ވިދާޅުވިއެވެ.

ރޭގެ މިޖަލްސާގައި އެމްޑީޕީއަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.