ރާއްޖޭގައި ޢަދުލު އިންސާފް ޤާއިމްކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން – ރައީސް ނަޝީދު

raees nasheed shareeathah fahu jalsa 060313 (9)

ރާއްޖޭއިން އަނިޔާވެރިކަން ނައްތާލާ، ޢަދުލް އިންސާފް ޤާއިމްކޮށްފައި ނޫނީ ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހުއްޓާނުލާނެ ކަމަށާއި، މިކަމުގައި އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހޭނޭ ކަމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ތެދުވެ މިތިބީ ރާއްޖޭގައި ޒަމާނުއްސުރެން ކުރަމުން އަންނަ އަނިޔާވެރިކަމާއި، ބޭއިންސާފުން ރައްޔިތުންގެ މައްޗަށް ކުރަމުން އަންނަ ޝަރީޢަތްތަކާއި ދެކޮޅަށް ކަމަށާއި، އެކަންތައްތައް ހަމަ މަގަށް އެޅުވުމަށް ފަހު ނޫނީ އެމްޑީޕީގެ މަސައްކަތް ހުއްޓާނުލާނޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރުގަންނަ ތަނަކަށް ހަދާނޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވާއިރު އެމުއައްސަސާގައި ގިނައީ ގައުމީ ލޯބިހުރި ތަންދޮރު ދަންނަ ބޭފުޅުން ކަމަށާއި އެފަދަ ބޭފުޅުންނާ އިއްޔެ ޖަލުންވެސް ދިމާވި ކަމަށެވެ. އަދި އަބްދުﷲ ރިޔާޒު ވިދާޅުވާ ޒާތުގެ އަނިޔާވެރި ފުލުހުން ގައުމީ ލޯބި ހުރި ފުލުހުންނަށްވުރެ މަދުކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، މިހާރު ހުޅުމާލޭ ކޯޓުގައި ކުރިއަށް ދާ ޝަރީޢަތް އިންސާފްވެރިކަމާއި އެކު ކުރިއަށް ނުގެންދެވޭނަމަ، މިހާރުން މިހާރަށް ހުކުމް ކުރެއްވިޔަސް އަނދަގޮޑިއަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.