ރައީސް ނަޝީދުގެ ޝަރީޢަތް ހަތަރު ހަފްތާއަށް ފަސްކުރުމަށް ނިންމައިފި

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތް ހަތަރު ހަފްތާއަށް ފަސްކުރެއްވުމަށް އެކޯޓުން ނިންމަވައިފިއެވެ.

މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ، ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުޕުޅުން ވަނީ ރައީސް ނަޝީދުގެ ޝަރީޢަތް ރިޔާސީ އިންތިޚާބް ނިމެންދެން ފަސް ކުރެއްވުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކޯޓުގައި ވިދާޅުވެފައެވެ. ނަމަވެސް ދެފަރާތުގެ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ މައްސަލަ ހަތަރު ހަފްތާއަށް ފަސްކުރެއްވުމަށެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، މައްސަލައިގެ ދެ ހަސްމުން ވެސް ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކުރެއްވުމަށް އިއުތިރާޒެއް ނެތްކަމަށް ދެންނެވުމުން ވެސް، ހުޅުމާލޭ ކޯޓުން ހަތަރު ހަފްތާއަށް މައްސަލަ ލަސްކުރެއްވުމަށް ނިންމެވުމުން ކޯޓުގެ މަޤްސަދާއި މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ، އަބްދުﷲ ޝާއިރު ވިދާޅުވީ، މިއަދުގެ ޝަރީޢަތުގެ މަޖިލީހުން ވެސް ފެނިގެން ދިޔައީ ދިވެހި ތާރީޚުގައި ވެސް މުޅިން އާކަމެއް ކަމަށެވެ. ޝާއިރު އިޝާރާތް އެކުރެއްވީ ދެ ހަސްމުން ވެސް ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކުރެއްވުމަށް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެފައި ވަނިކޮށް ވެސް، ކޯޓަށް ފެނިވަޑައިގެންނެވި މުއްދަތަކަށް ޝަރީޢަތް ފަސްކުރެއްވުމުންނެވެ.

މިއަދު އޮތް ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނެވެ. އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް ވެސް އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ވެސް އެ އަމުރެއް ދައްކާފައެއް ނުވެއެވެ.