ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސް ބަޔާން

ރާއްޖޭގައި އޮތް 30 އަހަރުގެ ހުދުމުޚުތާރު ވެރިކަން 2008 ވަނަ އަހަރު ޑިމޮކްރަސީގެ ރީތި އުޞޫލުން ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ސަޕޯރޓާ އެކު ބަދަލުކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދުގެ ވަގުތެއްގައި ޤާނޫނާއި ޚިލާފަށް އެމަނިކުފާނު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރިކުރުމުން، މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ޤާނޫން އަސާސީގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު މިމާއްދާގެ 7 ވަނަ ނަމްބަރާ ޚިލާފަށް ދިވެހި ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފުލުހުން މޫނު ނިވާކޮށްގެން ތިބެ ރައީސް ނަޝީދު ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެންގޮސްފައިވާތީ މިކަން އައްޑޫސިޓީގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެމަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށްވެސް އައްޑޫ ސިޓީގެ ފަރާތުން ގޮވާލަމެވެ
.
ޤާނޫން އަސާސީގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ 32 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ދައުލަތުގެ ހުއްދަ އެއް ކުރީން ހޯދުމަކާ ނުލައި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ
.
ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) ގެ ނ-ކެނދިކުޅުދޫ ދާއިރާގެ ޢިއްޒައްތެރި މެމްބަރު އަދި އިތުރު އެތައް ބަޔަކު އެކަމާއި ދެކޮޅަށް އިހުތިޖާޖްކުރުމުގައި އަޑު އުފުލަމުން ދަނިކޮށް ފުލުހުން ވަނީ އަނިޔާވެރިކޮށް ހައްޔަރުކޮށްކޮށްފައެވެ. ވީމާ ހައްޔަރުކުރެވުނު އެންމެން ވަގުތުން ދޫކޮށްލާ މޯލްޑިވްސް ޕޮލިސް ސަރވިސް (ރާއްޖޭގެ ރައްޔިތުންގެ އަމަންބެލެހެއްޓުމުގައި ތިއްބަވާ) ފުލުހުން ކުރަމުންދާ ޤާނޫނާ ޚިލާފު ޢަމަލްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާ ރައްޔިތުންނަށް އަނިޔާ ކުރުން ހުއްޓާލުމަށްވެސް ރާއްޖޭގެ ފުލުހުންނަށް ގޮވާލަމެވެ
.


ބަޔާން ނެރުނީ: އައްޑޫ ސިޓީގެ ރައީސް، އަޙްމަދު އަދުހަމް