ނޫސްބަޔާން: ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ގޮވާލާ އިޙްތިޖާޖް ކުރަމުން ދިޔަ އެތައް ބަޔަކު ހައްޔަރުކުރުން ކުއްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-24
ތާރީޚް: 05 މާރޗް 2013 (އަންގާރަ)

ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ގޮވާލާ އިޙްތިޖާޖް ކުރަމުން ދިޔަ އެތައް ބަޔަކު ހައްޔަރުކުރުން ކުއްވެރިކުރުން

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު، ޤާނޫން އަސާސީއާ ހިލާފަށް ފުލުހުން ހައްޔަރު ކުރުމުން އެކަމާޢި ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު ދޫކޮށްލުމަށް އެދި އިޙްތިޖާޖް ކުރަމުންދާ އާންމު ރައްޔިތުންނަށް ފުލުހުން އަނިޔާކޮށް ހައްޔަރު ކުރަމުން ދާތީ މިޕާޓީން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އެހެންކަމުން މިޙައްޤު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ. .އަދި ރައްޔިތުންނަށް އަނިޔާވެރިވެ، ހައްޔަރުކޮށް ބިރު ދައްކައިގެން، ޤާނޫން އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަށް ބަޣާވާތުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީއިން ގޮވާލަމެވެ.

އެމްޑީޕީން ގޮވާލަނީ ފުލުހުން މިގޮތަށް ދައްކަމުންދާ ބިރަށް، އެއްވެސް ދިވެހި ރައްޔިތަކު ފަހަތަށް ނުޖެހުމަށެވެ. އަދި ރައީސް ނަޝީދު ދޫކޮށްލަންދެން ރާއްޖޭގެ ހުރިހާ ދާއިރާ އަކުންވެސް ވީހާވެސް ގިނަ ބަޔަކު އެމްޑީޕީގެ މި އިޙްތިޖާޖްތަކުގައި ބައިވެރިވުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.

އެމްޑީޕީން ކުރަމުންދާ އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް