ނޫސްބަޔާން: ރާއްޖޭގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރުން ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-22
ތާރީޚް: 05 މާރޗް 2013 (އަންގާރަ)

ރާއްޖޭގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރުން ކުށްވެރިކުރުން

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައިވާތީ މިޕާޓީން އެކަމާޢި ކަންބޮޑުވުންފާޅުކޮށް، މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ރައީސް ނަޝީދު ހައްޔަރު ކުރީ މިއަދު މެންދުރު ފަހު 13:45 ހާއިރުކަމަށެވެ. އަދި ހައްޔަރު ކުރި އިރު، ލޯޔަރުންނަށްވެސް އަދި އެމަނިކުފާނަށް ވެސް ކޯޓު އަމުރު ދައްކަވާފައި ނުވާކަމަށާއި، މި ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫންއަސާސީއާ ޚިލާފަށް ފުލުހުން ކޮށްފައިވާ ޢަމަލެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އެމްޑީޕީއިން ދެކޭގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަކަމެއްނެތް، ސިޔާސީ ބޭނުންތަކަށްޓަކައި، ޤާނޫން އަސާސީއާ ޤާނޫންތަކާއި ޚިލާފަށް، ޖުޑިޝަލް ސަރވިސް ކޮމިޝަނުން އުފައްދައިގެން އުޅޭ ކޯޓެއްކަމާއި، އަދި އެކޯޓުގެ ބެންޗު އެކުލަވާލާފައި ވަނީ ވެސް ޤާނޫނު އަސާސީއާ ޤާނޫނު ތަކާ ހިލާފަށް ކަމެވެ. ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި އދގެ ރެޕަޓުއަރ ވެސް ވަނީ ހުޅުމާލޭ ކޯޓުގެ ބެންޗަކީ ޤާނޫނުތަކާއި ޤާނޫން އަސާސީއާ ޚިލާފަށް އެކުލަވާލާފައިވާ ބެންޗެކަމަށް ވިދާޅުވެ، ރާއްޖޭގެ ޖުޑިޝިއަރީގެ ހާލަތު އޮތްގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ވިމާ އެމްޑީޕީއިން ދެކެނީ އެކޯޓުގެ ހަމައެކަނި މަޤްސަދަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުންކަމަށެވެ.

ރައީސް ނަޝީދު ހިފާ ހައްޔަރުކުރުމަކީ އެއްވެސް ދިވެހި ރައްޔިތަކަށް ވެސް އަދި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް ފަރުދަކު ވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި ވަކި މީހެއްގެ މައްސަލަ ބެލުމަށް މުޅި ޝަރުޢީ ދާއިރާ “ހޭލާ” ތިބެގެން ކުރަމުންގެންދާ ނާތަހުޒީބު ޢަމަލުގެ ސަބަބުން ގެއްލިގެންދާނީ ޝަރުޢީ ދާއިރާގެ އިތުބާރާއި އަދުލު އިންސާފުގެ ހަމަހަމަކަން ކަމުގައިވެސް މި ޕާޓީން ދެކެމެވެ.

އެމްޑީޕީގެ އެންމެހާ މެމްބަރުންނަށާއި، ރައީސް ނަޝީދަށް ތާޢީދު ކުރާ ފަރާތްތަކަށް މި ޕާޓީން ގޮވާލަނީ، ރައީސް ނަޝީދު ހައްޔަރުން ދޫކޮށްލަންދެން، އެމަނިކުފާނުގެ ހިމާޔަތަށް އެދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނުކުމެ ސުލްހަވެރިކަމާއި އެކު އިޚްތިޖާޖް ކުރުމަށެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް