އެމްޑީޕީގެ މަޖްލިސް މެމްބަރުން މަޖްލީހުގައި އިހްތިޖާޖު ކުރައްވަމުން ގެންދަވަނީ

majilis040313 (9)

ރައްޔިތުންގެ މަޖްލީސް ހުޅުއްވައި ދެއްވަންވާނީ އިންތިޙާބުވެފައި ހުންނަ ރައީސަކު ކަމަށް ބުނެ، ބަޤާވާތަކުން ވެރިކަމަށް އަރާ ހުރި މީހަކަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ނުދޭނެކަމަށް ހަރު އަޑުން ގޮވާ، އެމްޑީޕީގެ މަޖްލިސް މެމްބަރުންގެ އިޙްތިޖާޖްތައް ގެންދަނީ ކުރިޔަށެވެ.

މިގޮތުން ބަޣާވާތަކުން ވެރިކަމަށް އަރާ ހުރި ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމަށް ކުރިމަސައްކަތުން ދުވަހުގެ 1:00 ޖެހިއިރުވެސް ވަނީ ބަޔާން ނުއިއްވިއެވެ. އެމްޑީޕީގެ މަޖްލިސް މެމްބަރުން “އިއްލެޖިޓިމޭޓް ލީޑަރ،” “ބާޣީ،” “ވަހީދު ގެއަށްދޭ” މިފަދަ މޭރުމުން އަންގާ ރިޔާސި ބަޔާން އިއްވުމަށް ހުރަސްއަޅާ، 5 ފަހަރު މަތިން ވެސް ވަޙީދުއަށް ވަނީ ބަޔާން އިއްވޭގޮތް ނެވެފައެވެ.

އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަޙީދު ވިދާޅުވީ “ވަރަށް ސުލްހަވެރިކަމާ އަދި ޒިންމާދާރު ކަމާއެކު އިޙްތިޖާޖްތައް ދާނީ ކުރިޔަށް ކަމާ އަދި އެއްގޮތަކަށް ވެސް ވަޙީދުއަށް ބަޔާން އިއްވާނެ ފުރުސަތު ނުދޭނެކަމެވެ. އަލީ ވަޙީދު އިތުރަށް ވިދާޅުވީ މިއަދު ބަޔާން މިއިއްވަނީ އަޅުގަނޑޫމެންނޭ އަދި މަޖްލީސް މިއޮތީ ހުޅުވިފައެވެ.

ކާށިދޫ ދާއިރާ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވީ، ވަޙީދު ދައްކާ ވާހަކަ އަޑު އަހާކަށް ބޭނުމެއްނޫންކަމާއި، އަޅުގަނޑުމެން މި ބުނަނީ ވަޙީދުގެ ޤާނޫނީ ހައިސިއްޔަތެއް ނެތޭ އަދި މަޖްލިސްގެ ތަޅުމަށް ވަދެގެން ނުވާނެއެވެ. މިތަނަކީ އިންތިޙާބަކުން ހޮވާފަ ހުންނަ ވެރިއަކު ބަޔާން ދެއްވަން ޖެހޭ ތަނެއް ކަމާ، ބަޣާވާތަކުން އަރާހުރި މީހަކަށް ޖާގައެއް ނޯންނާނެކަމެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރ އަލްޙާން ފަހުމީ ވިދާޅުވީ މިއަދު އެމްޑީޕީގެ މެމްބަރުން ކުރާ މި އިޙްތިޖާޖް ތަކަކީ އޭގެ ޒާތުގަ ޤައުމުގެ ތާރީޚަށްޓަކައިވެސް ވަރަށް މުހިންމުކަމެކެވެ. އަދި ހަމަ މުޅި މަޖްލިސް އެކީ އެކައްޗަކަށް މިވަނީ އެމްޑިޕީއިން ކުރާ މި އިޙްތިޖާޖްގައި ތާއީދުކޮށް ބައިވެރިވެފައެވެ. މީގެން މި އެގޭ ކަމަކީ މަޖްލީހުން މިހާރުގެ ސަރުކާރު ބަލައިނުގަންނަކަމަށް، ވީމާ އަވަސް އިންތިޙާބަކަށް ދިއުމަށް، ނޫނީ އިންތިޙާބަށް ދިއުމުގެ ކުރިން އިންޓަރިމް މަރްހަލާ ޤާއިމް ކުރަން ވެފަވާކަމަށެވެ.

މިއަދުގެ މަޖްލީހުގައި އެމްޑީޕީގެ މެމްބަރ އަބްދުﷲޖާބިރު އަދި ދާންދޫ ދާއިރާގެ މެމްބަރ ރިޔާޒަށް ވަނީ ނަންއިއްވާފައެވެ.