ނޫސްބަޔާން: އެމްޑީޕީ އައްޑޫ ސިޓީގެ އިދާރާއިން ނެރޭ ނޫސްބަޔާން

noosbayan

ނަމްބަރ: MDP- ADDUCITY/2013/01
ތާރީޚް: 02 މާރޗް 2013

އެމްޑީޕީގެ އައްޑުސިޓީގެ މެމްބަރެއް ކަމުގައިވާ ސ.ފޭދޫ ޒުމައްރަދުގެ އަޙުމަދު ޝިފާޒަށް ކުރިމަތި ކުރުވި ޙާދިސާއާމެދު ކަންބޮޑުވުން ފާޅުކުރުން

01 މާރޗް 2013 ވަނަ ދުވަހުގެރޭ އައްޑޫސިޓީ ހިތަދޫ ހަރުގޭގައި އޮތް އެމްޑީޕީ އައްޑޫސިޓީގެ ޖަލްސާއަކަށް ސައިކަލެއްގައި ދިޔަ ސ.ފޭދޫ ޒުމައްރަދުގެ މުހައްމަދު ޝިފާޒު (22އަހަރު) އަށް ފުލުހުންގެ ޗެކް ޕޮއިންޓަކުން ކުރިމަތިކުރުވި ޙާދިސާއެއްގައި އެވަގުތު އެސަރަޙައްދުން ދަތުރުކުރި ބަހެއްގެ ދަށުވެ އޭނާގެ ފުރާނަ ގެއްލޭވަރުގެ ޒަޙަމްތައް ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުމާއި ހިތާމަ އެމް.ޑީ.ޕީ އައްޑޫ ސިޓީން ފާޅުކުރަމެވެ.

ރޭގައި އެމް.ޑީ.ޕީ އިން އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޢާންމު ޖަލްސާއަކަށް މީހުން ޙާޟިރުވަމުންދާތީ އެކަމަށް ގަސްތުގައި ޖެއްސުން ކުރުމުގެ ގޮތުން އެސްއޯ ފުލުހުން ލިންކް ރޯޑުގެ ފަޅުރަށްތަކުގެ ތެރޭ އެންމެ އަނދިރި ސަރަޙައްދުގައި އެކި ގޮތްގޮތަށް ބެރެކޭޑްތައް އަތުރައި، މީހުން އަރުވައިގެން އެމަގުން ދަތުރުކުރަމުން ދިއަ ޕިކަޕްތަކާއި، ކާރާއި އަދި ސައިކަލުތައް ހުއްޓުވައި، އަދި ބައެއް އުޅަނދުން މީހުން ބާލައި އެމީހުން ޖަލްސާއަށް ހިނގާފައި ދިއުމަށް މެދުވެރިކުރުވުމުގެ ޙަރަކާތެއް އެސްއޯ ފުލުހުން ހިންގުމެގެތޭގައި، މުޙައްމަދު ޝިފާޒު ސައިކަލެއް ދުއްވާފައި ގޮސް ބެރެކޭޑްތައް ކުއްލިއަކަށް ފެނުމާއެކު ސައިކަލު އަނބުރާލުމަށްފަހު ދުއްވާލިވަގުތު ފަހަތުން އެސްއޯ ފުލުހުން އޭނާ ކޮށްޕާލުމުން އެވަގުތު އެސަރަޙައްދުން ދުއްވާފައި ދިއަ ބަހެއްގެ ދަށުވެ އޭނާގެ ފުރާނެ ގެއްލޭވަރުގެ އަނިޔާ ލިބިފައިވެއެވެ.

އެސްއޯ ފުލުހުން ބެރެކޭޓްތައް އަތުރާފައިވަނީ މީގެކުރިން ބެރެކޭޑް އަތުރާފައި ނުވާ ސަރަޙައްދެއްގައިކަމާއި އަދި އެފަދަ ވަގުތެއްގައި ނޫންކަމާއި، އަދި ޓްރެފިކް ބެލެހެއްޓުމުގެ ޙަރަކާތެއްކަމަށް ބުނާއިރު އެ ޙަރަކާތް ހިންގާފައިވަނީ އެސްއޯ ފުލުހުންކަމާއި، 60 ކިލޯމީޓަރ ބާރު ސްޕީޑެއްގައި ދުއްވުމުގެ ހުއްދަ އޮންނަ ސަރަޙައްދެއްގައި ކަނު އަނދިރީގައި ޓްރެފިކް ބެލެހެއްޓުމުގެ ޙަރަކާތެއްކަމަށް ބުނާ މި ޙަރަކާތުގައި އެސްއޯ ފުލުހުން ތިބީ ޓްރެފިކް ބަލަހައްޓާ އުސޫލުތަކާ ޚިލާފަށް ޓްރެފިކް ކިޓް އަޅައިގެން ނޫންކަން ވެސް ފާހަގަކުރަމެވެ.

ރޭގައި ހިނގި މި ހިތާމަވެރި ޙާދިސާއަކީ އެސްއޯ ފުލުހުން އެމް.ޑީ.ޕީ ގެ ޖަލްސާއަށް ދިއަ މީހުންނަށް ގަސްތުގައި ޖެއްސުންކުރުމުގެ ގޮތުން، ޓްރެފިކް ބެލެހެއްޓުމުގެ އުސޫލުތަކާ ޚިލާފަށް ހިންގި ޙަރަކާތެއްގެ ސަބަބުން މެދުވެރިވި ޙާދިސާއެއްކަމުގައި އެމް.ޑީ.ޕީ އައްޑޫ ސިޓީން ދެކެމެވެ.

ޤާނޫން އަސާސީން ފުލުހުންގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެ ބޮޑު ވާޖިބަކީ މުޖުތަމަޢުގެ އަމަންއަމާން ކަމާއި ރައްކާތެރިކަން ދެމެހެއްޓުން ކަމުގައިވީހިނދު އަދި މިހާރު “އަފިރިންގެ އަމާން އައްޑޫސިޓީ” އަށް އައްޑޫސިޓީ ހަދަން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މިފަދަ ލާއިންސާނީ އަނިޔާތައް ފުލުހުންގެ ފަރާތުން އައްޑޫ ރަޢިޔަތުންނަށް ލިބެމުންދާކަމީ ‘އަފިރިންގެ އަމާން އައްޑޫސިޓީ” “އަފިރިންގެ ނާމާން އައްޑޫސިޓީ” އަށް ބަދަލުވަމުންދާ ކަމުގެ ދިރިހުރި ނިޝާނެކެވެ.

މިދަނޑިވަޅުގައި އަނިޔާލިބިގެން މަރާ ހަނގުރާމަކުރަމުންދާ މުޙައްމަދު ޝިފާޒަށް އަވަސް ޝިފާއަކަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

ރޭގައި ހިނގި މި ޙާދިސާ ރަގަޅަށް ތަޙުޤީޤުކޮށް ބެލުމަށާއި މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސްކޮމިޝަނަށް އެމްޑީޕީގެ އައްޑުސިޓީ ދާއިރާއިން ގޮވާލަމެެ.


ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީގެ އިދާރާ