އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕޭން 6 ސަރަހައްދުގަ މިއަދުވެސް ކުރިޔަށް

dheythin fahethi 010313-2 (2)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިއާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ހޯދުމަށް ކުރިޔަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ހަ ސަރަހައްދުގަ ކުރިޔަށްދާތާ މިއަދަށް މީ ތިންވަނަ ދުވަހެވެ.

މިގޮތުން އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި “ވައުދާ ހިނގުން” ޑޯޓުޑޯ ކެމްޕެއިން ވަނީ ފަށާފައެވެ. އަދި ޓީމުތަކުގެ ކޯޑިނޭޓަރުން ވިދާޅުވީ، ވަކި ވަކި ދާއިރާތަކުގައި ކެމްޕެއިންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަޔަށް ދާކަމަށެވެ. މިގޮތުން މަސައްކަތު ބައްދަލުވުންތައް ބާއްވާ، ދާއިރާ ރައީސުންނާއި، ދާއިރާގެ ހިންގާ ކޮމެޓީތަކާއި ބައްދަލުކޮށް، ޢާންމު ރައްޔިތުންނާއި ބައްދަލުކުރުން ވެސް ވަނީ ފަށާފައެވެ. އަދި މި ބޭފުޅުން އިތުރަށް ވިދާޅުވީ، ދުވާލުގެ ވަގުތުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ދަނީ ވައުދާ ހިނގުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން ރޭގަ ހުރިހާ ދާއިރާއެއްގަ ވެސް ޢާއްމު ޖަލްސާތައް ވަނީ ބާއްވާފައެވެ. އަދި މިރޭވެސް އާއްމު ޖަލްސާ ބާއްވަން ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިރޭ ޖަލްސާ ބާއްވާ ދާއިރާތަކަކީ އައްޑޫ ސިޓީއިން ހުޅުމީދޫ، ލ. އިސްދޫ، ގދ. ތިނަދޫއިން ހޯނޑެއްދޫ ދާއިރާ އަދި ހއ. ދިއްދޫގައެވެ. ދިއްދޫގަ ހުންނެވެި ކޯޑިނޭޓަރ ވިދާޅުވީ، މިރޭ އެރަށުގައި ބާއްވާ ޖަލްސާގަ ކުޅުދުއްފުށީގެ ޓީމުން ބައިވެރިވެވަޑައިގަންނަވާނެކަމާއި، ޖަލްސާ ރާއްޖެ ޓީވީއިން ލައިވްކުރާނެކަމަށެވެ.

މި ކެމްޕެއިން ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން، ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޚާއްސަ ހަރަކާތްތައް ވަނީ ކުރިޔަށް ގެންދަވަން ފައްޓަވާފައެވެ.

މި ދަތުރުތަކަށް އެމްޑީޕީއިން ވަނީ ކޮންމެ ރަށަކަށް ވެސް ކޯޑިނޭޓަރއެއް ކަނޑައަޅާފައެވެ. އެގޮތުން ހއ. ދިއްދޫއަށް ކޯޑިނޭޓަރެއްގޮތުގައި ވަޑައިގެންނެވީ، އައިމިނަތު ޝައުނާއެވެ. ހދ. ކުޅުދުއްފުށްޓައް ޝިފާ މުޙައްމަދު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެން އުޅުއްވާއިރު، ގދ. ތިނަދޫއަށް ކޯޑިނޭޓަރަކަށް ހަމަޖައްސަވާފައިވަނީ، އަލީ ފާއިޒްއެވެ. އައްޑޫ ސިޓީގެ ކޯޑިނޭޓަރަކީ މުސްތަފާ ލުތުފީ އެވެ. ފޯވައްމުލަކު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ އަޙްމަދު ޝިފާޒް އަދި ލ އަތޮޅު ކޯޑިނަޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ ހާމިދް އަބްދުލް ޣަފޫރްއެވެ.