ރައީސް ނަޝީދު ފުރައިވަޑައިގެންނެވުމަށް ހުޅުމާލޭ ކޯޓުން ހުއްދައެއް ނުދިން

vaudhaa hingun henveyru dhekunu jalsa 2622013 (9)

އަންގާރަ ދުވަހުގެ ހެނދުނު ރައީސް މުޙައްމަދު ނަޝީދު ފުރާވަޑައިގަތުމަށް އެދިވަޑައިގެންފައިވަނިކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެކަމަށް ހުއްދަދިނުމަށް ދެކޮޅު ހަދައިފިއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ޤާނޫނީ ވަކީލުން އެދިވަޑައިގަތީ ފެބްރުއަރީ 27 އިން މާޗް 5 ކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ.

ރައީސް ނަޝީދު ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައި އޮތީ އެކުވެރި ޢަރަބި ޢިމާރާތުގެ، އަބޫދާބީއަށެވެ. އެޤައުމުގެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސަރޗް، ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާންއާއި، އަނަސީ މީޑިޔާ ޕްރޮޑަކްޝަންސްގެ ދަޢުވަތަކަށް، އެޤައުމުގެ ސަޤާފީ މޫސުން މިއަހަރަށް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުންނެވެ. އެރަސްމިއްޔާތުގައި “ދި އައިލެންޑް ޕްރެޒިޑެންޓް” ދެއްކުންވެސް އޮތެވެ.

ރައީސް ނަޝީދުގެ ތަރުޖަމާނު އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މިކަމާމެދު ވިދާޅުވެފައިވަނީ ދުނިޔޭގެ ލޮލުގެ ކުރިމައްޗަށް ދިވެހިރާއްޖެ ގެނައުމަށް ރައީސް ނަޝީދަށް ލިބިވަޑައިގަތް މިބާވަތުގެ މުހިންމު ފުރުސަތެއް ނަގާލައްވާން ޖެހިވަޑައިގެންކަމީ ނުހަނު ހިތާމަހުރިކަމެއްކަމަށާއި، ރައީސް ނަޝީދާ ގުޅޭގޮތުން އުފައްދަވާފައިވާ “ދި އައިލެންޑް ޕްރެޒިޑެންޓް”ގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ ބަޙުސްތަކުގެ މައްޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓުވާފައިވާއިރު، ކޯޕަންހޭގަން ކްލައިމެޓް ސަމިޓުގައި ދިވެހިރާއްޖެއިން ކުޅުނު ދައުރާއި، އެސަމިޓުގައި ކަންކަން ހިނގައިދިޔަގޮތް ދުށުމަށް ދުނިޔެ އޮތީ އެދުންވެރިވެފައިކަމަށެވެ.

ކަންމިހެން ހުރިއިރު ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަނުން ނުކުމެވަޑައިގަތުމާއެކު، އެމަނިކުފާނުގެ ސިޔާސީ، ޒާތީ އަދި އިޖުތިމާޢީ ޙަޔާތްޕުޅު މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ އުންމީދު، އިންޑިޔާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދު އަދި އެމެރިކާ ހިމެނޭގޮތުން ބައިނަލްއަޤްވާމީ ދުނިޔެއިންވަނީ ފައުޅުކޮށްފައެވެ.

މިއާއެކު ދިވެހިރާއްޖޭގައި އޮތް ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އެއްގޮތަކަށްހެން ނެތްކަން އެނގިވަޑައިގެންނެވިކަމަށާއި، އެއީ ނުހަނު ޙައިރާންވެވަޑައިގަތް ކަމެއްކަމަށް އދގެ ފަރާތުން ދާދިފަހުން ދިވެހިރާއްޖެއަށް ވަޑައިގެންނެވި ސްޕެޝަލް ރެޕަޓުއަރ އޮން އިންޑިޕެންޑަންސް އޮފް ލޯޔަރސް އެންޑް ޖަޖަސްވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޢަދުލްއިންސާފު ޤާއިމުކުރުމުގެ މާނައަކީ އެޤާއިމު ވާތަން ފެނި، އިޙްސާސްވެ، ޢަދުލުވެރިކަން ރައްޔިތުންނަށް ޤަބޫލުކުރެވުމުންކަމަށެވެ.