ތިންހަތަރު ޕާޓީ އެކުވިޔަސް މިސަރުކާރު ނުސިހޭނޭ ކަމުގައި ޚާރިޖީ ވަޒީރު ޑރ.ޝަހީދު ވިދާޅުވެއްޖެ

13 ޖުލައި 2010

haruge-12-07-2010-89

ތިން ހަތަރު ޕާޓީ އެކުވެގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ނަމަވެސް މިސަރުކާރު ކުޑަކޮށް ވެސް ނުސިހޭނޭ ކަމުގައި ޚާރިޖީ ވަޒީރު ޑރ. އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.އަޙުމަދު ޝަހީދު ވިދާޅުވީ މި ސަރުކާރުވައްޓާލަން މުޒާހަރާ ކުރަމުން އެދަނީ މީގެ ކުރިންވެސް އެއްގަލަކަށް ނާރައިގެން އުޅުނުބަޔެއް ކަމަށާއި، އެއިން ކޮންމެ ބޭފުޅަކީ ވެސް ރައީސްކަމަށް ވާދަކުރައްވާނޭ ބޭފުޅަކަށްވާތީ ކުރިޔަށް އޮތްތަނުގައިވެސް ބައިބައިވާނީ އެބޭފުޅުން ކަމަށެވެ. އަދި ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީނަށް ބައިއަތު ހިފައިގެން މަސައްކަތްކުރަމުންދާ ބަޔަކަށް އެއްވެސްބަޔަކު ސިއްސުވައި ނުލެވޭނޭ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
“އިދިކޮޅު ފަރާތްތަކުން މުޒާހަރާއެކުރަނީ ދިވެހިރައްޔިތުންގެ ވިންދުގައެއްނޫން، މުއްސަނދިންގެ ވިންދުގަ” ޑރ. ޝަހީދު ވިދާޅުވިއެވެ. ” ކޮންމެކަމެއްގައި ޤާނޫނަކީ ހަތިޔާރެއްކަމަށް ނަންގަވައިގެން މަސައްކަތްކުރަނީ، ޤާނޫނަކީ ރައްޔިތުންނަށްޓަކައި ހަދާއެއްޗެއްކަމަކަށް އެބޭފުޅުން ނުވިސްނަވާ”.
ޑރ. ޝަހީދުގެ ވާހަކަފުޅުގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް މާދަމާ އެމްޑީޕީން ބާއްވާ މުޒާހަރާއާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.
މާދަމާ ބާއްވާ މި މުޒާހަރާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މިހާރުވެސް މީހުން ޖަމާވަމުން އެބަދެއެވެ. އަދި ވަރަށް ގިނަ ރަށްރަށުން މިހާރުވެސް މާލެއަށް މީހުން ދަތުރުކުރަމުންދާކަމަށް އެމްޑީޕީ އިން މަޢުލޫމާތުދެއެވެ. ޤައުމީ ބޮޑު މުޒާހަރާގެ ނަމުގައި އެމްޑީޕީން ބާއްވާ މި މުޒާހަރާ ފެށޭނީ މާދަމާ ހަވީރު ސޯޝަލް ސެންޓަރު ކައިރިން ކަމަށް ވެސް އެޕާޓީން ބުނެއެވެ.