އެމް.ޑީ.ޕީގެ ކެމްޕެއިން ދަތުރުތައް ފަށަނީ

BVD - Ha.Dhidhdhoo (59)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މި ހިނގާ ފެބްރުއަރީ 28 ން މާރޗް 3 ކަށް ރާއްޖޭގެ އެކި ދާއިރާތަކަށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތަކެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ. މިދަތުރުތަކުގައި އެމް.ޑީ.ޕީގެ ތަފާތު ޓީމުތަކުން ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ. މިގޮތުން 3 ދުވަހަށް ދެމިގެންދާ މިދަތުރު ތަކުގައި ހއ. ދިއްދޫ، ހދ. ކުޅުދުފުށި، އައްޑޫ ސިޓީ، ފޯއްމުލަކު، ގދ. ތިނަދޫ، ލ. އަތޮޅު ގަން އަދި ފޮނަދޫއަށް ޕާޓީގެ އިސް ބޭފުޅުން ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއިން ކޮންމެ ދާއިރާ އަކަށް އެމް.ޑީ.ޕީގެ ވަކި ވަކި ޓީމުން ކުރާ ދަތުރުތަކުގައި ދޮރުން ދޮރަށް ހިނގުމާއި، އާއްމު ޖަލްސާތައް ބޭއްވުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، ދާއިރާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުންނާ ބައްދަލު ކުރުން ކުރިއަށް ދާނެއެވެ.

އެމްޑީޕީން ފަށާ ކެމްޕެއިންގެ މިދަތުރުތަކުގައި ރާއްޖޭ ހުރިހާ ސަރަހައްދަކަށް ވެސް ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައިކަމަށް ޕާޓީގެ އޮފީހުން މަޢުލޫމާތުދެއެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މަޢޫލޫމާތު ހޯދުމަށް ޕާޓީން ވަނީ، “ވަޢުދުގެ ދަތުރު”ގެ ނަމުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެންމެ ދެކުނުގެ ހަތަރު އަތޮޅަށާއި، ބޮޑުތިލަދުން މައްޗަށް ވަނީ ދަތުރުކޮށްފައެވެ.