މާރޗް 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް ފަސްކޮށްފި

comitteeelection1910112-34

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މާރޗް 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިޚާބުތައް 8 މާރޗަށް ފަސްކޮފިއެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަދި އިންތިޚާބާއި ބެހޭ ފޯކަލް ޕޮއިންޓް އަޙްމަދު އަކްރަމް ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ފަސްކުރަން ޖެހުނީ ފާއިތުވެ ދިޔަ ދެތިން ހަފްތާގެ ތެރޭގައި ސިޔާސީ ހަލަބޮލިކަން ވަރަށް ބޮޑަށް އިތުރުވެ، މި ހަލަބޮލިކަމުގައި އެމްޑީޕީގެ އެންމެހާ މެމްބަރުން ބައިވެރިވާ ސިޔާސީ ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދަން ޖެހުމުން، ބޮޑު އިންތިޚާބަކަށް ތައްޔާރުވާން ބޭނުންވާ ވަގުތު، އެކަށީގެންވާ ވަރަށް ނުލިބުމުން ކަމަށެވެ.

8 މާރޗްއަށް ފަސްކުރެވުނު އިންތިޚާބުތަކަކީ، ހޯރަފުށީ ދާއިރާގެ ރައީސް ކަމާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ކަމާއި، ދިއްގަރު ދާއިރާގެ ރައީސް ކަމުގެ މަޤާމްގެ އިތުރުން ބައެއް އެހެނިހެން މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުތަކެވެ.