13 ޖުލައި 2010
މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ ދިމާވާ ކޮންމެދަތި އުނދގުލަކާއި ކުރިމަތިލައްވައި މިޤައުމު އަމާން ބަނދަރަކަށް ގެންދެވިދާނެ ބޭފުޅެއް ކަމުގައި މަސްވެރިކަމާބެހޭ ވަޒީރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި އެބޭފުޅުން އިސްތިއުފާ ދިނުމަށްފަހު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާނޭ ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވަމުން ޑރ.ޑީޑީ ވިދާޅުވީ ރުހުންދިނުމުގައި ބަލަންޖެހޭނީ ސިޔާސީ މައިދާނުގައި ދައްކާ ވާހަކައަކަށް ނޫން ކަމަށެވެ. އަދި މަޖިލީހުން ރުހުންނުދީފާނެތީ ކަންބޮޑުވެނުލައްވާކަމަށާއި، އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ އިދިކޮޅު ފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތުން، ވަޒީރުން ކުރެއްވި ހުވަޔާއި އެއްގޮތަށް އަމަލުފުޅުތައް ބެހެއްޓެވުމަށް ދަތިފުޅުވެ، މިސަރުކާރުން ރައްޔިތުންނަށް ވެވަޑައިގަތް ވައުދު ނުފުއްދިދާނެތީ ކަމުގައެވެ.
ޑރ.ޑީޑީގެ ވާހަކަފުޅުގައި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާއި ދޭތެރޭ ބަހުސްކުރާނެ ޖާގައެއްނެތް ކަމަށާއި، މިއީ ރައްޔިތުން ނިންމާފައިވާ ފުރިހަމަ ރިޔާސީ ނިޒާމެއް ކަމަށާއި، މި ނިޒާމް ދަމަހައްޓަވާނޭ ކަމުގައި ވިދާޅުވިއެވެ.
އެހެން ރޭރެއެކެ އެއްފަދައިން ރޭގެ ޖަލްސާ އަޑުއެހުމަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާކަން ފާހަގަކުރެވުނެވެ. އެމްޑީޕީ އިން ހަރުގޭގައި ބާއްވާ ޖަލްސާތައް މީގެ ކުރިން ބާއްވަމުން ދިޔައީ ކޮންމެ ހޯމަ ދުވަހެއްގެރޭ ނަމަވެސް މިފަހަކަށް އައިސް ކޮންމެ ރެއަކު ވެސް އެޕާޓީން ދަނީ ހަރުގޭގައި ޖަލްސާތައް ބާއްވަމުންނެވެ.