އެމްއެންބީސީ އުވާނުލުމަށް ސަރުކާރުން ނިންމައިފި

13 ޖުލައި 2010

afeef

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ.)އަކީ ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏަކަށްވުމާއެކު، އެކުންފުނި މިހާރު އޮތްގޮތަށް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާރޒް ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުން އަލަށް އުފައްދަވާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ.)ގެ ބޯޑު، އެ މަޖިލީހުން އިއްޔެ ފާސްކުރެއްވުމާ ގުޅިގެން، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، އެމް.އެން.ބީ.ސީ.ގެ އެސެޓްތައް ނުވަތަ ރައުސްމާލު ހަމަޖެހިފައިވާގޮތް ސާފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޙަސަން ޢަފީފްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްއާއި، ޔޫތު ޓީވީ އަދި ރާއްޖެ އެފްއެމް، މި ނަންތަކާއި އެތަންތަން ހިންގާ ބިންބިމާއި، އެތަންތަނުގައި ތިބި މުއައްޒަފުންނާ އަދި ބޭނުންކުރާ ފްރީކުއެންސީތައް މިހާރު ނިސްބަތްވަނީ އެމް.އެން.ބީ.ސީ. އަށް ކަމުގައި ވިދާޅުވިއެވެ. ޢަފީފް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްއާއި، ޔޫތު ޓީވީ އާއި، ރާއްޖެ އެފްއެމްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެބޭފުޅުން ބޭނުންފުޅުވާ ތަނެއްގައި ވަޒީފާ އަދާކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުން އަލަށް އުފައްދަވާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމް.ބީ.ސީ.އަކީ، އެމަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނެއްގެ ދަށުން ހިންގަވަން އެކަށައަޅުއްވާފައިވާ ކުންފުންޏެއް ކަމަށާއި، އެކުންފުންޏަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް ވިދާޅުވިއެވެ.