ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

13 ޖުލައި 2010

judicial-service

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147ވަނަ މާއްދާގައި، އުއްތަމަފަނޑިޔާރުގެ މަގާމަށް މީހަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮތުމާއި އަދި އެމަގާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށް އޮތުމާއެކު، އެކަން ގެންދަވާނެ ގޮތަކާބެހޭގޮތުންނެވެ.

ޤާނޫނުއަސާސީގެ 158ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު މުޖްތާޒު ފަހުމީއާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އާދަމް މުޙަންމަދު ޢަބްދުﷲއާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައެޅުއްވި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީއާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފާއި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއާއި، ބަންޑާރަނައިބު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.