މެންބަރުންގެ ޚިޔާލު: ޤައުމާއިގެން އަމާން ބަނދަރަކަށް

12 ޖުލައި 2010

ލިޔުނީ: މުއާޒު މުޙައްމަދު (މޯލާ)

ދިވެހި ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ދިވެހިން، ހިތްވަރުގަދަ އެމްޑީޕީ މެންބަރުންނާއި އިސްލާހަށް ލޯބިކުރި އެންމެންވެގެން ނުކުތީ ” ދަތުރުފެށީމޭ ޤައުމު ލިބޭތޯ ރާއްޖެދެވޭތޯ” މިޅެން ބައިތު ކިޔަމުންނެވެ. އާދެ ކޮން ދިވެހިރާއްޖެއެއްތޯއެވެ. އަނެއްދިވެހިރާއްޖެ ދެވޭތޯއެވެ. މިދަތުރުގައި ދުއްތުރާތަކާއި ދަތިތަކާއި ކުރިމަތިވެ މިދަތުރުގެ ފެށުން އައީ 11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހުގައެވެ. އެދުވަހުން ފެށިގެން ޤައުމުގެ ނައު ޑިމޮކުރަސީއަށް އަމާޒުކޮށް ޤައުމުގެ ހިންގުން ބަދަލުކޮށްލި މާލިމީއަކީ ރާއްޖޭގެ މިހާރު އިއްޒަތްތެރި ރައީސުލް ޖުމްހޫރިްޔާއެވެ.
މިދަތުރުފެށީ ކާމިޔާބުގައި ހިތްތިރިކޮށް ނާކާމިޔާބުގައި ހިތްވަރުދަކުރުމަށް ނަސޭހަތްތެރިވަމުންނެވެ. ދިވެހި ޤައުމުގައި ހިނގަމުންއައި ޚުދުމުޚްތާރު ސަގާފަތް ފޮހޮލުމަށްޓަކައި ނަމޫނާދައްކަމުންނެވެ. ހުރިހާރައްޔިތުން ގޮވައިގެންނެވެ. ބަދަލުހިއްޕެވުމެއްނެތިއެވެ. އިސާހިތަކު ފެންނަންފެށީ މިގުލްޒާރުގައި މާތަކެއް ފޮޅެންފެށި މަންޒަރެވެ. މުސްކުޅިންނަށް އަޅާލައި، ބޭސްސިޓީ ހިފައިގެން ސަލާންޖަހަން ޖެހުނުޖެހުން ހުއްޓުމަކަށް އަންނަންފެށިތަނެވެ. ރަށުބަންދުން ފިލަންފަށައިފިއެވެ. އާއިލާތައް މާމަޔާއި ކާފައާއި އެކު އައިސްކުރީމްބޯން ދާންފަށައިފިއެވެ. އެކަނިވެރި މައިންނަށް އުންމީދުގެ ހުޅުކޮޅު އަލިވެއްޖެއެވެ.
އިސާހިތަކު ބޯވިލާތަކެއް ނަގައި މުޅިއުދަރެސްކަޅުކޮށްފިއެވެ. މިއޮޑިއަށް ލޮޅުންތަކެއް އަންނަންފަށައިފިއެވެ. ވެގެންއުޅޭގޮތަކީ އޮޑީގެ ފަޅުވެރިން މާލިމީ ބުނާގޮތަށް ރިޔާނަގައި ތިރިނުކުރަނީއެވެ. ކޮންމެއަކަސް ތޫފާނުގައި ޖެހިއްޖެއެވެ. އާދޭހެވެ. ރައްޔިތުންގެ މަޖިލީހަކީ ޤައުމު ހިނމްގުމަށްޓަކައި ކުރަންޖެހޭ އެންމެހާކަންތައްތަކަށް މަގުފަހިކޮށްދޭ ޤާނޫނުހަދާ ފަރާތެވެ. އެބޭފުޅުންގެ ޒިންމާއަކަށް ވާންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކަށް މަގުފަހިކޮށްދޭ ޤާނޫނުތައް ހެދުމެވެ. އެއްވެސްހާލަތެއްގައި ސިޔާސަތުތަކަށް ހުރަސްއެޅުމެއްނޫނެވެ. މިހާހިސާބަށްއާދެވުނުއިރު ރައްޔިތުންނަށް ލިބެންޖެހޭ އެތަކެއް ހައްޤުތަކެއް ގެއްލޭގޮތަށް ޤާނޫނުތައް ފާސްކޮށް ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކޮންމެވެސް ޗަރުކޭސްގަނޑެއް ފެށިއްޖެއެވެ. މި ޗަރުކޭހުގައި އެތަކެއް ބަޔަކަށް ރިޝްވަތުދީ އަތްމަތި ދަތިވެގެން ބައެއް މެމްބަރުން ސަލާންޖަހަން ފަށައިފިއެވެ. ކޮންމެއަކަސް މާކަނޑުގެ މެދަށް އޮޑިމަޑުކޮށްފިއެވެ.
މިކަންތައްތައް ބެލުމަށްޓަކައި ދެންއޮތްހަމައެކަނި ބާރަކީ އަދުއިންސާފްގެ ބާރެވެ. ރިޝްވަތުގެ ތުހުމަތުގައި ބަންދުކުރެވި ދައުވާކުރެވި އިތުރަށް ތަހިޤީގްކުރުމަށް 15ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކަނޑައަޅައިފައިވަނިކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިބޭފުޅުން މިނިވަންކުރުމަށް ހުކުމްކޮށްފިއެވެ. މިހިސާބުން ދެންއޮތީ ބޮޑެތިރާޅުތައް ނަގާ މާކަނޑެވެ. ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ހިސާބުއައިސް މިޖެހުނީއެވެ. ދެންއޮތީ ހިތްވަރުކުރުމެވެ. ހިކިދިޔާގައި ފަޅުމައްޗަށްތިރިކޮށް ބޮޑޮދިޔަގައި ބަޗާރައްކާވުމަށް އަޅުގަނޑުމެންއެންމެންގެ ހިތްވަރުހުނަންވާނެއެވެ. މިޤައުމަށް ހެޔޮވެރިކަމެއް ގެނައުމުގައި ތޫފާންތަކާއި ކުރިމަތިލާފަދައިން މިޤައުމު އަމާންބަނދަރަކަށް ގެންދިއުމަށް ނުކުންނަމާ ހިގާށެވެ. މިޤައުމަށް ޑިމޮކުރެސީ ގެނައި ހަޤީގީ ބަތަލުންނާއި އެކުނުކުމެ އަނެއްދިވެހިރާއްޖޭގައި މި އޮޑި ބަނދަރުކޮށްލަމާ ހިނގާށެވެ.